14 Jun 2026, 09:37
މި ސަރުކާރުގެ ފުރަތަމަ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުން ޒީނާޒު އަދުނާނަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފިއެވެ.
ދައުލަތުގެ އިސް މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންގެ މައުލޫމާތު ކުރިން އިސްވެ, ސަރުކާރުން ހާމަ ކުރި ނަމަވެސް ޒީނާޒަށް ވެސް މަގާމު ދެއްވިކަން ހާމަ ކުރައްވާފައެއް ނުވެއެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލާ "ސަން" އިން މިއަދު ސުވާލު ކުރުމުން ވިދާޅުވީ ޒީނާޒު އެ މިނިސްޓްރީގެ ސްޓޭޓަކަށް އައްޔަން ކުރެއްވީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. އޭނާ އޮފީހަށް ނުކުންނަވަން ފެއްޓެވީ މި މަހުގެ ހަތް ވަނަ ދުވަހު ކަމަށާއި މަސައްކަތް ކުރައްވަނީ ޖެންޑާއާ ގުޅޭ ކަންކަން ބަލަހައްޓާ ފަޅީގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ޒީނާޒަކީ މީގެ ކުރިން ކުޑަކުދިންގެ ހިޔާ ބެހެލެއްޓުމުގެ ޒިންމާ ވެސް އުފުއްލަވާފައިވާ އެ ދާއިރާގެ ތަޖުރިބާކާރެކެވެ.
މި ސަރުކާރުގެ ކުރީކޮޅު ޒީނާޒު ހުންނެވީ ވެރިކަން ކުރާ ޕީއެންސީގެ ސެކެޓްރީ ޖެނެރަލްއަކަށެވެ. ފަހުން ވަނީ އޭނާގެ ބަދަލުގައި އާ އެސްޖީއެއް އެ މަގާމަށް އައްޔަން ކުރައްވައިފައެވެ.
އޭގެ ފަހުން ޒީނާޒަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން އިސް މަގާމެއް ދެއްވި ކަމަށް އަޑު ފެތުރުނެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން ޔަގީން ކޮށެއް ނުދެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ އިންތިޚާބުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން, ޒީނާޒުގެ ފިރިކަލުން އާދަމް ޝަރީފް ވަނީ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ނިންމަވައި, މަޖިލީހަށް ނަން ފޮނުއްވާފައިވަނީ, ރާއްޖޭން ގަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އާދަމް ޝަރީފް އައްޔަން ކުރެއްވުމަށެވެ.