19 Sep 2012, 20:02
ރާއްޖޭގެ އަމަން އާންމަށް ގެއްލުން ލިބޭގޮތަށް ހަގީގަތާ ޚިލާފަށް ވާހަކަ ދައްކަވާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތޮފާ (ތިމަރަފުށީ މުސްތޮފާ) ގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި އެވެ.
ފުލުހުން މުސްތޮފާގެ މައްޗަށް ތަހުގީގެއް ކުރަން ފެށީ އޯގަސްޓް 26، 2012 އިގަ އެވެ. އެ މައްސަލަ ޕީޖީއަށް ފޮނުވީ މިދިއަ ހޯމަ ދުވަހު އެވެ.
މުސްތޮފާގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕީޖީއަށް ފޮނުވީ އޯގަސްޓް 26، 2012 ވަނަ ދުވަހު އެމްޑީޕީން ބޭއްވި އެޕާޓީގެ ޤައުމީ މަޖިލިސް ޖަލްސާގައި ރާއްޖޭގެ ސަލާމާތީ ބާރުތަކުން އެމްޑީޕީގެ އިސް ވެރިންތަކެއް މަރާލަން ރާވަމުންދާ ކަމަށް ވިދާޅުވެ، ހަގީގަތާ ޚިލާފަށް އަމަން އާއްމަށް ގެއްލުން ލިބޭގޮތަށް ވާހަކަ ދައްކާފައިވާ މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ.
މުސްތަފާ މިރޭ ވިދާޅުވީ އެއީ އޭނާގެ މައްޗަށް ދައުވާ ކުރެވޭނެ މައްސަލައެއް ނޫންކަމަށާއި އަދި ދައުވާ ކުރިއަސް މާބޮޑު ހުކުމެއް ނާންނާނެ ކަމަށެވެ.
މުސްތަފާ ވިދާޅުވީނ އެމްޑީޕީގެ އިސްވެރިންތަކެއް މަރާލުމަށް ފަހު ގާސިމް އިބްރާހިމަށް ވެރިކަންދިނުމަށް ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ރާވާފައިވާކަމަށް ބުނެ އޭނާ ވާހަކަދެއްކީ ޖޯން ޕްރިސްކޮޓް ކިޔާ މީހެއްގެ ފޭސްބުކްގައި ލިޔެފައިވާ ވާހަކަތަކަށް ހަވާލާދީ ކަމަށެވެ.
"އެއީ އަޅުގަނޑުގެ މައްޗަށް ކުރެވޭނެ ދައުވާއެއް ނޫން. އެ މައްސަލައިގައި އަޅުގަނޑުގެ މައްޗަށް މާބޮޑު ހުކުމެއް ވެސް ނާންނާނެ. ފުލުހުންނާއި ސިފައިންގެ ތެރެއިން އިސް ބޭފުޅުންތަކެއް ރާވައިފިޔޭ ގާސިމް އިބްރާހިމަށް ވެރިކަންދޭން އެމްޑީޕީގެ އިސް މީހަކު މާރާލާފަ އެވާހަކަ އެބައޮތޭ ނޫސްމަޖައްލާތަކުގަ. އަޅުގަނޑު އެވާހަކަ ބުނަނީ ޖޯން ޕްރިސްކޮޓް ކިޔާ މީހެއްގެ ފޭސްބުކްގަ ލިޔެފަ އޮތް ވާހަކަޔާއި ހަވާލާދީ،" މުސްތަފާ ވިދާޅުވި އެވެ.