19 Sep 2012, 19:05
މާލޭގެ މަގުތައް ހަލާކުވުމާއި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދައި ނުދެވި ލަސްވެފައިވަނީ މަސައްކަތަށް ބޭނުންވާ އާލާތް ނެތިގެން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލުގެ މެމްބަރު އަހުމަދު ފަލާހު މިއަދު ވިދާޅުވީ ސަރުކާރުން ރޯޑް ކޯޕަރޭޝަން އުފައްދައި ކައުންސިލް އިދާރާގައި ގެންގުޅުނު ހުރިހާ މެޝިނަރީ އެއް އެ ކޯޕަރޭޝަނުގެ ދަށައް ގެންދިއުމުން ކައުންސިލްގެ މަސައްކަތްތައް ލަސްވެ ރައްޔިތުންގެ ޝަކުވާއާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. މަސައްކަތަށް ބޭނުން ކުރަން ކައުންސިލަށް މިހާރު ލިބިފައި އޮތީ 20 އަހަރުވެ ބާވެފައިވާ ދެ ޑަންޕަރާ ލޯރިއެއް ކަމަށް ވެސް އޭނާ މިއަދު ވިދާޅުވި އެވެ.
"މާލޭގެ މަގުތަށް މަރާމާތު ކުރުމާއި، ކާނުތައް ސާފުކުރުމާއި ފެން ހިންދުމާއި، މި ކަލަހަ މަސައްކަތްތައް އަޅުގަނޑުމެން ކުރަމުން ދާއިރު އެ މަސައްކަތަށް ބޭނުން ކުރާނެ އާލާތްތައް ނެތުމުން އަޅުގަނޑުމެންގެ މަސައްކަތުގެ ސުޕީޑް ވަރަށް ދަށްވެ،" ފަލާހު ވިދާޅުވި އެވެ. "މަގު ތަކުގަ ދިހަ ފޫޓުން ދިހަ ފޫޓުން ފެން ހިންދާ ވަޅު އެބަ ހުރޭ އެއިން ކޮންމެ ވަޅަކީ ވެސް ވަރަށް ބޮޑެތި ވަޅުތައް، ވަޅު ތަކުގަ ހުންނަނީ ކިސަޑާއި، ޗަކަ، އެހެންވީމަ ފެނެއް ނުހިނދޭ. އެ ތަންތަނަކީ ވެސް އަޅުގަނޑުމެން ސާފު ކުރަންޖެހޭ ތަންތަން،"
ފަލާހު ވިދާޅުވީ ވެރިރަށުގެ މަގުތައް ކައުންސިލްގެ މި ދައުރުގައި ނުހެދޭނެ ކަމަށާއި ނަމަވެސް ކައުންސިލަށް އާއްމުންގެ ފަރާތުން އެންމެ ގިނަ ޝަކުވާ ލިބެނީ މަގުތަކުގެ މައްސަލައިގައި ކަމަށެވެ.