ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެ ފަރާތްތަކުގެ ބެލެނިވެރި ފަރާތްތަކުން ފޯމު ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދޭ ލިޔުން ކޮންމެހެން ހުށަނާޅާ ފުލެޓަށް ފޯމު ހުށަހެޅޭނެ ކަމަށް، ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި ބެލެނިވެރިންނަށް ފުލެޓަށް ކުރިމަތިލާން ހުޅުވައިލީ މިދިޔަ މެއި މަހުގެ 20ވަނަ ދުވަހެވެ.

ފުލެޓަށް ފޯމު ހުށަހަޅަން ހުޅުވައިލި މުއްދަތު ހަމަވާން ގާތްގަނޑަކަށް ތިން ދުވަހަށް ވެފައި ވަނިކޮށް މިނިސްޓްރީން މިއަދު ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި، އެންސްޕާގައި ރަޖިސްޓްރީވެފައިވާ އެ ފަރާތްތަކުގެ ބެލެނިވެރިން އެކަން ސާބިތުކޮށްދޭ ލިޔެކިއުން ހުށަނާޅާ ފޯމު ހުށަހެޅޭނެ ކަމަށެވެ.

ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ތެރެއިން ކުރިން އޮތީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކިން ކެޓެގަރީއެއް ހަދައި، އަމިއްލައަށް ފުލެޓަށް ކުރިމަތިލެވޭ ގޮތަށް އެކަންޏެވެ. އެކަމަކު، ފަހުން މިނިސްޓްރީން ވަނީ، އެ މީހުންގެ ބަދަލުގައި ބެލެނިވެރިންނަށް ވެސް ފޯމު ހުށަހެޅޭ ގޮތަށް ހަދައިފައެވެ.

މިގޮތުން، އަމިއްލައަށް ފޯމު ފުރަން ދަތި ފަރާތްތަކާއި، 18 އަހަރު ނުފުރޭ ކުދިންގެ ބަދަލުގައި، އެންސްޕާގައި އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ދެން ފްލެޓަށް ހުށަޅެނޭއެވެ.

އެކަމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު މިދިޔަ އޭޕްރިލް މަހު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ޝަރުތުތައް އިސްލާހުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އެ އިސްލާހުގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމެވެ. އެގޮތުން، ބެލެނިވެރިންނަށް ކުރިމަތިލެވޭ ގޮތަށް ހަމަޖެހުމުން، އެފަރާތްތަކުގެ އާއިލާތަކަށް ބޮޑު ލުޔެއް ލިބޭނެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ޚާއްސަ ލުއިތަކެއްގެ ދަށުން، މާލޭގައި ދިރިއުޅުނު މުއްދަތު ގުނުމުގައި ވެސް ލުއިތަކެއް ދީފައެވެ. މިގޮތުން ފްލެޓަށް ޝަރުތު ހަމަވުމަށް މާލޭގައި އުޅުނު ކަމަށް ބުނާ މުއްދަތު ކުރިއަށްވުރެ ކުޑަކޮށްދީފައިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.