06 Sep 2010, 05:48
10:50
މާލޭ ހުޅަނގު ހާބަރުން ވިއްކަން ކަނޑައެޅި ހަތަރު ވަނަ ބިން ޔުނިވަސަލް އެންޓަ ޕްރައިސަސް އިން ގަނެފި އެވެ. މާލޭ މުނިސިޕަލްޓީގެ އިއްޔެގެ ނޯޓިސްގައިވާ ގޮތުން، މަޝްހޫރު ޓޫރިޒަމް ވިޔަފާރި ކުންފުނި ޔުނިވަސަލް އިން 7500 އަކަފޫޓްގެ އެ ބިން ގަނެފައި ވަނީ އަކަފޫޓަކަށް 6200 ރުފިޔާގެ ރޭޓުން 46.5 މިލިއަން ރުފިޔާ [3.6 މިލިއަން ޑޮލަރު) އަށެވެ.
ހުޅަނގު ދެކުނު ހާބަރުން ހަތަރު ވަނަ ބިން ވެސް ސަރުކާރުން މި ވިއްކާލީ މާލެ އިން ބިން ވިއްކުން މަނާކޮށްދެއްވުމަށް އެދި އިދިކޮޅު އިއްތިހާދުން މައްސަލައެއް ކޯޓަށް ވައްދާފައި ވަނިކޮށެވެ.
މާލޭ މުނިސިޕަލްޓީ އިން އިއުލާންކޮށްފައިވާ ގޮތުން އެ ސަރަހައްދުން ވިއްކަން ކަނޑައެޅި ހަތަރު ބިމުގެ ތެރެއިން 2000 އަކަފޫޓުގެ ދެބިމެއް ގަނެފައި ވަނީ، ކަރަންޓް ހޮޅިބުރި އާއި އަދި އެނޫން ވެސް ދިއްލުމަށް ބޭނުން ކުރާ ސާމާނު ވިއްކާ ސަން ފްރަންޓުން، 27 މިލިއަން ރުފިޔާ އަށެވެ.
ފަސް ހާސް އަކަފޫޓުގެ އަނެއް ބިން ގަނެފައި ވަނީ އަކަފޫޓެއް 4350 ރުފިޔާގެ ރޭޓުން، 21.75 މިލިއަން ރުފިޔާ އަށް، ބީއެޗުއެމް ޓްރޭޑާސްގެ ވެރިޔާ، ހ.ކެލީކްސް ހުސައިން މޫސާ އެވެ.
މުނިސިޕަލްޓީ އިން އިއުލާންކޮށްފައިވާ ގޮތުން ބިމެއް ކާމިޔާބު ކުރާ ފަރާތަކުން ހަތް ދުވަހުގެ ތެރޭގައި ބިން ގަތް އަގުގެ 10 ޕަސެންޓަށްވާ ފައިސާ ދައްކަން ޖެހެ އެވެ. ބާކީ ފައިސާ ދައްކަން ޖެހެނީ 60 ދުވަހުގެ ތެރޭގަ އެވެ.
މުނިސިޕަލްޓީން މިއަދު ބުނީ، ސަންފްރަންޓުން ގަނެފައިވާ ދެ ބިމާއި ބީއެޗްއެމްގެ ވެރިޔާ ބައްލަވައިގަތް ބިމުގެ އަގުގެ 10 ޕަސަންޓަށްވާ ފައިސާ މިހާރު ވަނީ މުނިސިޕަލިޓީއަށް ދައްކައިފައި ކަމަށެވެ.