19 Sep 2012, 18:50
ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓާ ބާނާޑް ސަވާޖް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ އަރިހަށް މިއަދު އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި އެ ބައްދަލުކުރެއްވުމުގައި މިހާރު ރާއްޖޭގެ ސިޔާސީ މަސްރަޙާއި އިގުތިސާދީ ހާލަތާބެހޭ މައުލޫމާތު ރައީސް އީޔޫގެ ސަފީރަށް އެރުވި އެވެ. އަދި ސިޔާސީ ގޮތުން ގެންނަން ހުރި އިސްލާޙުތަކާއި ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ މައްޗަށް ވެސް ރައީސްގެ ވާހަކަފުޅުގައި ބައްލަވައިލެއްވި އެވެ.
މިސްޓާ ބާނާޑް ސަވާޖް ދެއްކެވި ވާހަކަފުޅުގައި ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ.