19 Sep 2012, 18:29
އީގަލްސް 2-0 އިން ބަލިކޮށް ދިރާގު ދިވެހި ލީގު ކާމިޔާބު ކުރުމާ އެންމެ ތިން ޕޮއިންޓް ގާތަށް ނިއު ޖެހިލަިއފި އެވެ.
އެފްއޭކަޕުގައި އީގަލްސް އަތުން ބަލިވެ މުބާރާތުން ކެޓި ނިއުއިން މިއަދު ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ހޯދައިފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ފަހުހާފުގައި އިބްރާހީމް (ފަޒީލް) އޮއްޕޮ އެވެ. މި ބޯޅަ ގޯލަށް ވަނީ ގޯލު އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. ނިއުގެ ދެ ވަނަ ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ޖެހުމުގެ ކުރިން ކީޕަރު ކަޓައި ގޯލް އޭރިޔާ ތެރެއިން ކެޕްޓަން އަހުމަދު ތޯރިގް (ޓޮމް) އަށް ހުސްކޮށް ލިބުނު ބޯޅަ ގޯލަށް ވަނީ ހޫރާލި ފައިގައި ބޯޅަ ނުޖެހުމުންނެވެ. ދަގަނޑޭގެ ލަނޑަށް ފަހު ބަދަލު ކުޅުންތެރިޔާ ނާވީ މުހައްމަދަށް ކީޕަރު އަތުން ދޫވެގެން ގޯލް އޭރިޔާތެރެއިން ހުސްކޮށް ލިބުނު ބޯޅަ ޖެހުމުން ދިޔައީ އަރިމަތިން ބޭރަށެވެ.
މި މެޗުން މޮޅުވުމުން ލީގު ކާމިޔާބު ކުރުމަށް ނިއު އަށް ދެން ބޭނުންވަނީ އެންމެ ތިން ޕޮއިންޓެވެ. ލީގުގެ ތިން ވަނަ ބުރުގައި ވާދަ ކުރާ ހަ ޓީމަށް ވެސް ބާކީ ހަތަރު މެޗު އޮތްއިރު ނިއު އަށް މިހާތަނަށް ވަނީ 15 މެޗުން 39 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނާގައިވާ މާޒިޔާ އަށް ލިބިފައިވަނީ 29 ޕޮއިންޓެވެ. މިހެންވެ ނިއު އާދިއްތް ދުވަހުގެރޭ ވީބީ އަތުން މޮޅުވެއްޖެނަމަ އެހެން އެއްވެސް ޓީމަކަށް އެ ޓީމާ ޕޮއިންޓްގެ ގޮތުން އަރާ ހަމަހަމަނުކުރެވޭނެ އެވެ. މި ވަގުތު ތިން ވަނާގައި އޮތް ވިކްޓަރީ އަށް 28 ޕޮއިންޓް އަދި ވީބީ އަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. ގަދަ ހަތަރަކަށް އެންމެ ބޮޑަށް ވާދަ ކުރާ އީގަލްސް އަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. ގަދަހަޔެއްގެ ފުލުގައި އޮތް އޭވައިއެލް އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.
މެޗަށް ފަހު އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ ސާންތީ ބުނީ އޭނާގެ ޓީމު ވަރުބަލި ކަމަށާއި ފަހަތާއި މެދުތެރޭގެ ގުޅުން ވެސް ބައެއް ފަހަރު ކެނޑިގެންދިޔަ ކަމަށެވެ. އަދި ގޯލު ނުޖެހުމަކީ އަބަދުވެސް ކުރިމަތިވާ މައްސަލައަށް ވާއިރު އަދިވެސް މިނަތީޖާގެ ސަބަބުން ގަދަ ހަތަރަކަށް އެރުމަށް ހުރަހެއް ނެތް ކަމަށެވެ.
ނިއުގެގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މޮޅުވީ ކުޅުންތެރިންގެ ވަރަށް މަސައްކަތުން ކަމަށާއި ކުޅުމާމެދު ވެސް ހިތްހަމަޖެހޭ ކަމަށެވެ.