19 Sep 2012, 17:59
މާލެއިން ފުރައިގެން ހއ. ވިވަންތާ ބައި ތާޖް ރިސޯޓަށް ތިން މީހުންނާއެކު ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ދިޔަވެގެން އަޑިއަށް ހިނގައްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ދޯންޏެއް އަޑިއަށްދާ ކަމުގެ މައުލޫމާތު ރޭ ފުލުހުންނަށް ލިބިގެން މެރިން ޕޮލިސް ލޯންޗް އެ ސަރަހައްދަށް ދިޔައިރު އެ ދޯނި އޮތީ އެއްކޮށް އަޑިއަށް ގޮސްފައި ކަމަށާއި ދޯނީގައި ތިބި ތިން މީހުން އެ ސަރަހައްދުން ދިޔަ އެހެން ދޯންޏަކުން ސަލާމަތްކޮށްފައިވާ ކަމަށެވެ.
"ފަސްރޮނގު މަސް" ނަމަކަށް ކިޔާ އެ ދޯނީގެ ކެޕްޓަނާ ހަވާލާދީ މެރިމް ޕޮލިސް އިން މައުލޫމާތު ދިން ގޮތުގައި އެ ދޯންޏަކީ އެރިސޯޓަށް މުދާ އުފުލާ ދޯންޏެކެވެ. އަދި ދޯނި އަޑިއަށް ދިޔައީ ދުއްވާފައި ދަނިކޮށް ކުއްލިއަކަށް ދިޔަވާން ފެށުމުން އެވަގުތު އެސަރަހައްދުން ދިޔަ އެހެން ދޯންޏެއްގައި ކަފުޖަހައިގެން ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.
އެދޯނި އަޑިއަށް ދިޔައިރު އޭގައި 50 ކޮތަޅު ސިމެންތި އާއި 35 ކޭސް ބިޔަރާއި ގިނަ އަދަދެއްގެ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހުރި ކަމަށާއި އެދޯނި އަޑިޔަށް ގޮސްފައިވަނީ ތުޅާގިރި އާއި ބަނޑޮސް އައިލޭންޑް ރިސޯޓާއި ދޭތެރެއަށް ކަމަށް ދޯނީގެ ކެޕްޓަނާ ހަވާލާދީ ފުލުހުން ބުންޏެވެެ.
ފަސްރޮގު ދޯނިން ގިނަ އަދަދެއްގެ މުދާތަކަކާ އެކު ބިޔަރު ކޭސްތަކެއް އަޑިއަށް ގޮސްފައިވާއިރު މިއަދު ހެނދުނުގެ ވަގުތެއްގައި އާރަށު ކައިރިން ވަނީ 230 ދަޅު ބިޔަރު ފެނިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާރަށް ކައިރީ ކަނޑުން ފެނުނު ބިޔަރު ދަޅުތަކާއި ރޭ އެދޯނިން އަޑިއަށް ދިޔަ މުދާތަކުގެ ތެރޭގައި ހިމެނޭ ބިޔަރު ދަޅުތަކާއި ކޮންމެ ވެސް ވަރެއްގެ ގުޅުމެއްވާ ކަމަށް ބެލެވޭ ކަމަށާއި އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.