12 Jun 2026, 22:51
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިޚާބަށް ފަހު، ޕާޓީގެ މެންބަރުން ބޮޑު ބަދަލަކަށް ބޭނުންވާކަން ނަތީޖާއިން ވަރަށް ރަނގަޅަށް ސާބިތުކޮށް ދީފި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މުހައްމަދު ނަޝީދަށާއި އެމްޑީޕީގެ އާންމު މެންބަރުންނަށް މަރުހަބާ ދަންނަވައި، ފައްޔާޒް ވަނީ މިއަދު ކުރިއަށް ދިޔަ އިންތިޚާބުން ރައީސް ނަޝީދު ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާފައެވެ.
ފައްޔާޒް ވިދާޅުވީ، މާތް اللهގެ ވާގިފުޅާއެކު ކާމިޔާބަށް ވާސިލުވެވިފައިވާ ކަމަށާއި، މި ލިބުނު ކުޑަ ދުވަސްކޮޅު ތެރޭގައި މުޅި ރާއްޖޭގައި "ރީނދޫ ލަޝްކަރު" ރުކުރުވާލެވިފައި އޮތް މަންޒަރު ފެނުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ.
މި އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރެއްވީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއެވެ. މީކާއިލް މި އިންތިޚާބަށް ނުކުމެވަޑައިގެން ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފުރިހަމަ ތާއީދާ އެކުގައެވެ. ނަމަވެސް، އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ރައީސް ނަޝީދު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، މެންބަރުން މިއަދު ސާބިތުކޮށްދެއްވީ ޕާޓީގެ މިސްރާބު ކަނޑައަޅައިދޭ އަދި ޕާޓީގެ ވިންދަކީ އާންމު މެންބަރުންކަން ކަމަށެވެ. މެންބަރުން ދެއްވި ވޯޓަކީ "ހިތަށް ވީ ތަދުގެ ބަދަލު ހޯދުމަށް ވުރެ ރާއްޖެ އިސްކޮށް ދެއްވި މުހިންމު ވޯޓެއް" ގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި މި ކެމްޕޭނުގައި ބުރަކޮށް މަސައްކަތް ކުރެއްވި މީކާއިލް ނަސީމާއި ކެމްޕޭން ޓީމުން ދެއްކި ހިތްވަރަށް ވެސް ފައްޔާޒް ވަނީ ސާބަސް ދަންނަވާފައެވެ.
މިއީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުގެ މެދުގައި އޮތް ވާދަވެރިކަން ވަރަށް ބޮޑަށް ފެނިގެންދިޔަ އިންތިޚާބެކެވެ. ރައީސް ނަޝީދު 'ދަ ޑިމޮކްރެޓްސް' އިން އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ކުރިމަތިލެއްވި ފުރަތަމަ އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު، ޕާޓީގެ ކޮންޓްރޯލް އަނެއްކާވެސް މިވަނީ ބަދަލުވެފައެވެ. ފައްޔާޒް އިސްމާއީލް ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި މި އިންތިޚާބުގައި އޭނާ ހުންނެވީ ރައީސް ނަޝީދަށް ތާއީދު ކުރައްވައިގެންނެވެ.
ކުރިއަށް އޮތް ތަނުގައި ކުރައްވަން އޮތް އެންމެ މުހިންމު މަސައްކަތަކީ އެކުގައި ގޮސް މި ސަރުކާރު ބަލިކުރުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އޭނާ ވަނީ ބަދަހި ސަފުތަކަކާއެކު ނުކުމެ އެ މަސައްކަތް ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން ދެއްވައި، ރާއްޖެއަށް ގެންނަން ބޭނުންވާ ބޮޑު ބަދަލުގެ މަސައްކަތް މިއަދު ފެށިފައިވާ ކަމަށް ވިދާޅުވެފައެވެ.