ފަނޑިޔާރުންގެ މައްސަލަތައް ހަމަ އެކަނި ބެލެން ޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަމަށް ސުޕްރީމް ކޯޓުން ބުނުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމަށާއި ކޮރަޕްޝަނުގެ ތުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވުނު ނަމަވެސް އެމީހެއްގެ މައްސަލަ އޭސީސީއަށް ބެލެން ޖެހޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

މިއަދު މެންދުރުފަހު އެމްޑީޕީން އެ ޕާޓީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން މޫސަ މަނިކު ވިދާޅުވީ ފަނޑިޔާރުންގެ މައްސަލަތައް ހަމަ އެކަނި ބެލޭނީ ޖޭއެސްސީއަށް ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު ޖޭއެސްސީއަށް ސިޓީއެއް ފޮނުއްވާފައިވާތީ އެ ޕާޓީން ކަންބޮޑުވާ ކަމަށެވެ.

މި ބައްދަލުވުގައި އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް އިސްމާއިލް (އިބްރާ) މިއަދު ވިދާޅުވީ ޖިނާއީ އެއްވެސް ކުށެއް ތަހްގީގު ކުރުމުގެ ބާރު ޖޭއެސްސީއަށް ގާނޫނު އަސާސީން ލިބިފައިނުވާ ކަމަށެވެ.

އެނާ ވިދާޅުވީ ފަނޑިޔާރުންގެ މައްސަލަތައް ބަލާނީ ހަމަ އެކަނި ޖޭއެސްސީ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން އެ ނިންމެނީ ތުހްމަތުކުރެވޭ ފަރާތުން އޭނާގެ މައްސަލަތައް ބަލާނެ ތަން ކަމަށެވެ. އަދި އެއީ އެއްވެސް މީހަކަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ގާނޫނު އަސާސީ ބުނާ ގޮތުން ޖުޑިޝަލް ސާވީސް ކޮމިޝަނަކީ ޖިނާއީ އެއްވެސް މައްސަލައެއް ތަހްގީގު ކުރުމުގެ ބާރު ލިބިފައިވާ ތަނެއް ނޫން. ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ދިވެހި ރާއްޖޭގައި ލިބިފައި އޮންނާނީ މިހާތަނަށް އެންޓިކޮރަޕްޝަން ކޮމިޝަންސް، ފުލުހުންގެ އިދާރާ، ހިއުމަންރައިޓްސް ކޮމިޝަން، ޕޮލިސްއިންޓަގްރިޓީ ކޮމިޝަން، މީރާ،" އިބްރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަނޑިޔާރުން މައްސަލަތައް އެހެން އެއްވެސް ކޮމިޝަނަށް ނުބެލުމަކީ ގާނޫނީ ބާރު ލިބިފައިވާ ކޮމިޝަންތަކުގެ ބާރުތައް ކަނޑުވާލުން ކަމަށެވެ.

"ގާނޫނޫ އަސާސީން އެއް ތަނަކުން އަނެއް ތަނަކަށް ލިބިދީފައިވާ ބާރުތައް ކަނޑުވައެއް ނުލެވޭނެ. އެކަމު ނިގުޅައިގަންނަމުން އެދަނީ. މީގެ މާނައަކީ ސުޕްރީމް ކޯޓަށް ފެންނަ ގޮތަކަށް ނޫނީ މި ރާއްޖޭގައި ފަނޑިޔާރުންގެ އެއްވެސް ކަމެއް ނެތޭ ދެން ކުރެވޭކަށް،" އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުގައި އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒް ފަހުމީ ވިދާޅުވީ އޭސީސީއަށް ލިބިދީފައިވާ ބާރުތައް ހަނިވެ ފަނޑިޔާރުންގެ މައްސަލަ ނުބެލުމަކީ އެޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަން ވެސް ކުރައްވަމުން ގެންދަވާ ޖޭއެއްސީގެ ރައީސް އާދަމް މުހައްމަދަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން މިދިޔަ ހޯމަ ދުވަހު ފޮނުއްވި ސިޓީފުޅުގައި ފަނޑިޔާރުންނާ ބެހޭ ގޮތުން ކުރެވޭ ތުހުމަތުތަކުގެ ޝަކުވާތައް ޖޭއެސްސީ ނޫން އެހެން މުއައްސަސާތަކުން ބަލަމުން ގެންދާތީ އެކަމާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.