19 Sep 2012, 17:19
ރާއްޖޭގެ ތައުލީމީ ދާއިރާއަށް ތަރައްގީ ކޮށްދިނުމުގެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި ރާއްޖެ އާއި އޮސްޓްޜޭލިޔާއިން މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން ހަތް މިލިޔަން އޮސްޓްރޭލިޔާ ޑޮލަރު (ގާތްގަނޑަކަށް 107 މިލިޔަން ދިވެހި ރުފިޔާ) ރާއްޖޭގެ ތައުލީމަށް ހޭދަ ކުރާނެ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އޮސްޓްރޭލިޔާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލާ އެޑްވަޑް އާކްބޯޑެވެ. ދިވެހި ސަރުކާރުގެ ފާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ހަސަން ޝިފާއު އެވެ.
ކައުންސިލާ އެޑްވަޑް އާކްބޯޑް ވިދާޅުވީ މިއަދު ސޮއިކުރި އެމްއޯޔޫގެ ދަށުން ރާއްޖޭގެ ތައުލީމީ ދާއިރާ ތަރައްގީ ކުރަން އެގައުމުގެ 3000 ވޮލަންޓިޔާ ޓީޗަރުން ރާއްޖެއަށް ފޮނުވާނެ ކަމަށާއި 33 ކުއްޖަކު ތައުލީމީ ދާއިރާއިން ތަމްރީނު ކުރުމަށް އަންނަ އަހަރު އޮސްޓްރޭލިއާއަށް ގެންދާނެ ކަމަށެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާ ތަރައްގީ ކޮށްދޭން އޮސްޓްރޭލިޔާ ތައްޔާރަށް އޮތް ކަމަށާއި އެއީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިއްމު ދާއިރާއެއް ކަމަށާއި ރާއްޖޭގެ ތަރައްގީއަށް އެހީތެރިކަމެއް ދިނުމަކީ އޮސްޓްރޭލިއާ ފަހުރުވެރިވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޕާމަނެންޓް ސެކްރެޓަރީ ހަސަން ޝިފާއު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ފެންވަރު ރަނގަޅު ޓީޗަރުންގެ ހިދުމަތް އޮސްޓްރޭލިއާއިން ރާއްޖެއަށް ފޯރުކޮށްދޭނެ ކަމަށާއި ރާއްޖޭގެ ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް އެހީތެެރިވެދޭނެ ކަމަށެވެ.