ޔޫޓިއުބް މޮބައިލް އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް އެހެން މީހުންނާއެކު ސީދާ އެޕްގެ ތެރެއިން ވީޑިއޯ ހިއްސާކޮށް، މެސެޖުކޮށް ވާހަކަދެއްކޭ ފީޗާ އިތުރު ގައުމުތަކަށް ތައާރަފްކުރަން ފަށައިފިއެވެ.

ގޫގުލްގެ ދަށުން ހިންގާ މި ވީޑިއޯ ޕްލެޓްފޯމުން ހާމަކުރި ގޮތުގައި، މިދިޔަ އަހަރުން ފެށިގެން ޓެސްޓުކުރަމުން އައި މި ހިދުމަތް މިހާރު ވަނީ އެމެރިކާ، އިނގިރޭސިވިލާތް، ސިންގަޕޫރު، އިޓަލީ އަދި ބްރެޒިލް ހިމެނޭ ގޮތަށް ދުނިޔޭގެ 40 ގައުމަކަށް ފުޅާކޮށްފައެވެ.

މީގެ ކުރިން މި ފީޗާ ބޭނުންކުރުމުގެ ފުރުސަތު ދީފައިވަނީ ހަމައެކަނި އަޔަލޭންޑް އަދި ޕޮލޭންޑްގެ ޔޫޒަރުންނަށެވެ.

މި އާ ބަދަލާއެކު، ޔޫޓިއުބް ބަލަމުންދާ ވަގުތު އެހެން މެސެޖިން އެޕްތަކަށް (މިސާލަކަށް ވައިބާ ނުވަތަ ވަޓްސްއެޕް ފަދަ އެޕްތަކަށް) ލިންކު ކޮޕީކޮށްގެން ފޮނުވުމުގެ ބަދަލުގައި، އެޕްގެ ތެރޭގައި އިންނަ މެސެޖިން އައިކަންއަށް ފިތާލުމުން ސީދާ ރައްޓެހިންނަށް ވީޑިއޯ ފޮނުވާލެވޭނެއެވެ. އަދި ވީޑިއޯތަކަށް ރިއެކްޓްކޮށް، ލައިވް ސްޓްރީމްތަކާއި ޝޯޓްސް ވީޑިއޯތަކާ ބެހޭގޮތުން އެއްވަގުތެއްގައި ޗެޓްކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޔޫޓިއުބުން ބުނި ގޮތުގައި މި ހިދުމަތް މިވަގުތު ބޭނުންކުރެވޭނީ އުމުރުން 18 އަހަރުން މަތީގެ، ޔޫޓިއުބް ޗެނަލަކަށް ސައިން-އިން ވެފައިވާ ފަރާތްތަކަށެވެ. އަދި މި ފީޗާ ބޭނުންކުރުމަށްޓަކައި ފޯނުގައިވާ ޔޫޓިއުބް އެޕްލިކޭޝަން އެންމެ ފަހުގެ އެޕްޑޭޓަށް ބަދަލުކުރަންޖެހެއެވެ.

މި ފީޗާ މެދުވެރިކޮށް މީހުންނާ ގުޅުމަށްޓަކައި އެޕްގެ މަތީގައި އިންނަ "މެސެޖަސް" ބަޔަށް ގޮސް އިންވައިޓް ލިންކެއް ހަދާފައި އެހެން މީހުންނަށް ފޮނުވޭނެއެވެ. މިގޮތަށް ހަދާ އިންވައިޓް ލިންކުތައް ހަތް ދުވަސް ތެރޭގައި މުއްދަތު ހަމަވާނެއެވެ.

ލިންކު ލިބޭ މީހާއަށް އެކްސެޕްޓް ނުވަތަ ޑިކްލައިން ކުރުމުގެ އިހްތިޔާރު ލިބިގެންވާއިރު، މެސެޖު ގަބޫލުކުރުމުން ދެމީހުންގެ ދެމެދުގައި ސީދާ ޔޫޓިއުބް ތެރޭގައި ވާހަކަދެކެވޭނެއެވެ.

މި ފީޗާއަކީ ޔޫޓިއުބް ބޭނުންކުރާ ފަރާތްތަކަށް އެޕްލިކޭޝަނުން ބޭރަށް ނުގޮސް، ފަސޭހަކަމާއެކު ވީޑިއޯ ހިއްސާކޮށް ވާހަކަދެއްކޭނެ މާހައުލެއް ގާއިމުކޮށްދިނުމުގެ މަގްސަދުގައި ފަރުމާކޮށްފައިވާ ހިދުމަތެކެވެ. މީގެ ކުރިން މިފަދަ ވީޑިއޯތައް އެހެން މީހުންނަށް ފޮނުވުމަށްޓަކައި ލިންކު ކޮޕީކޮށްގެން ތިންވަނަ ފަރާތެއްގެ މެސެޖިން އެޕްތައް ބޭނުންކުރަން ޖެހުނު ނަމަވެސް، އާ ފީޗާގެ ސަބަބުން ޔޫޓިއުބްގެ ތެރޭގައި އެކުވެރިންނާއެކު ގްރޫޕްތައް ހަދައިގެންނާއި ވަކިވަކިން ޗެޓްކުރުމުގެ ފުރުސަތު ފަހިވެގެންދެއެވެ.

ޔޫޓިއުބުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި ހިދުމަތް ދުނިޔޭގެ ބައެއް ގައުމުތަކުގައި ޓެސްޓުކުރަން ފަށާފައިވާއިރު، މިއީ އެޕްލިކޭޝަންގެ ތެރޭގައި ޔޫޒަރުން ހޭދަކުރާ ވަގުތު އިތުރުކުރުމަށާއި، ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކާ ވާދަކުރުމުގެ ގޮތުން އެ ކުންފުނިން ގެނައި މުހިންމު ބަދަލެކެވެ.

ކުރިއަށް އޮތް މަސްތަކުގައި މިޚިދުމަތް އެހެން އިތުރު ގައުމުތަކަށް ދޫކުރާނެކަމަށް އެކުންފުނިން ބުނެއެވެ.