ގުރޫ ރަންދްވާ ހިންގާ ފިޓްނެސް ސެންޓަރަށް ބަޑީގެ ހަމަލާތަކެއްދީފި
ގުރޫ ރަންދްވާ ހިންގާ ފިޓްނެސް ސެންޓަރަށް ބަޑީގެ ހަމަލާތަކެއްދީފި

އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިޔާ ގުރޫ ރަންދްވާ ހިންގާ ފިޓްނެސް ސެންޓަރަށް ބަޑީގެ ހަމަލާތަކެއްދީފިއެވެ.

އިންޑިއާގެ ނިއު ދިއްލީގައި ހިންގާ މި ފިޓްނެސް ސެންޓަރަށް ބަޑީގެ ހަމަލާތައް ދީފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރެއެވެ. މި ސެންޓަރަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއްދިން ކަން ދިއްލީ ފުލުހުންނަށް އެންގުމާ އެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އެ މައްސަލައިގެ ތަހުގީގު ފަށާފައެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އެންޑީޓީވީއިން މި މައްސަލައާ ގުޅޭގޮތުން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ، ގުރޫގެ ފިޓްނެސް ސެންޓަރަށް ދިން ބަޑީގެ ހަމަލާގެ ޒިންމާ އިންޑިއާގެ ނުރައްކާތެރި ބިޝްނޯއި ގޭންގުން ނަގާފައިވާ ކަމަށެވެ.

އެ ގޭންގަށް ނިސްބަތްވާ އަނިލް ޕަންޑިތު ނަމަކަށްކިޔާ މީހަކު ވަނީ މިހަމަލާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ބަޔާނެއް ނެރެފައި ކަމަށް އެންޑީޓީވީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެގޮތުން ގުރޫގެ ފިޓްނަސް ސެންޓަރަށް ބަޑީގެ ހަމަލާ ދޭން ނިންމީ މަޝްހޫރު މިއުޒީޝަން ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންއާ އެކު އޮންނަ އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަވަމުން އަންނާތީ ކަމަށް ބިޝްނޯއީ ގޭންގުން ނެރުނު ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން އަދި ލަވަކިޔުންތެރިޔާ ގުރޫ ރަންދްވާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގުނު ގޮތުގައި ގުރޫ ހިންގާ ފިޓްނަސް ސެންޓަރު ހުންނަ ސަރަހައްދުގައި މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ބުދަ ދުވަހުގެރޭ ވަނީ ހަރަކާތްތެރިވެފައެވެ. ބަޑީގެ ހަމަލާތަކަށްފަހު އެ ދެ މީހުން އެ ސަރަހައްދުން ފިލަން ދިޔަ މަންޒަރު ސީސީޓީވީ ކެމެރާތަކުގެ އެހީގައި އެނގިފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެއެވެ.

އިންޑިއާގެ ފިލްމީ ފަންނާނުންނަށް އަމާޒުކޮށް ބިޝްނޯއީ ގޭންގުން ތަކުރާރުކޮށް ބަޑީގެ ހަމަލާތައް ދީފައިވާއިރު އޭގެތެރެއިން އެންމެ ގިނަ މަރުގެ އިންޒާރުދީފައިވާ އެއް ފަންނާނަކީ މަޝްހޫރު އެކްޓަރު ސަލްމާން ޚާންއެވެ.

ސަލްމާންއާ އެކުވެރިކަމުގެ ގުޅުން ބަދަހިކުރާ ކަމަށް ބުނެ މިދިޔަ އަހަރުތެރޭ އިންޑިއާގެ ކޮމީޑިއަން ކަޕިލް ޝަރުމާ ކެނެޑާގައި ހިންގަމުން އަންނަ ކެފޭއަށް ވެސް ބިޝްނޯއި ގޭންގުން ވަނީ ބަޑީގެ ހަމަލާތައް ދީފައެވެ.

މީގެ ދެ އަހަރުކުރިން ސަލްމާން ޚާން މުމްބާއީގައި ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓަށް އަމާޒުކޮށް އެ ގޭންގުން ބަޑީގެ ހަމަލާތަކެއް ދިނުމާ ގުޅިގެން އެކްޓަރު ވަނީ އަމިއްލަ ހަށި ރައްކަލަ ހަތިޔާރު ގެންގުޅުމުގެ ހުއްދަވެސް ރަސްމީ އިދާރާތަކުން ހޯދާފައެވެ.

އިންޑިއާގެ އިތުރުން ބޭރުގެ މަޝްހޫރު މިއުޒީޝަނުންނާ އެކު ވެސް މަސައްކަތްކޮށްފައިވާ ގުރޫގެ ފިޓްނަސް ސެންޓަރަށް ދިން ހަމަލާގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.