މިއަހަރުގެ ވޯލްޑް ކަޕް ފޯރިއާ ދިމާކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބޮޑެތި އިނާމުތަކަކާއެކު "ވޯލްޑް ކަޕް ފީވާ – ޕްރެޑިކްޓް އެންޑް ވިން" ގެ ނަމުގައި ސޯޝަލް މީޑިއާ ކެމްޕޭނެއް ފަށައިފިއެވެ.

މިއަދުން ފެށިގެން އަންނަ މަހު 20ގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭނަކީ ދިވެހިރާއްޖޭގެ ހުރިހާ ފުޓްބޯޅަ ސަޕޯޓަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޓަކައި، މެޗުތައް އޮންނަ ދުވަސްތަކުގައި އެމްއައިބީގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ހިއްސާކުރާ މައިކްރޯސޮފްޓް ފޯމް މެދުވެރިކޮށް މެޗުން މޮޅުވާނެ ޓީމު ދިމާކުރަންޖެހޭނެއެވެ. މެޗު އޮންނަ ކޮންމެ ދުވަހަކު ވެސް އާ ޕޯސްޓެއް ކުރަމުންދާނެއެވެ. އަދި ކޮންމެ މެޗަކުން ވެސް ނަސީބުވެރި އެއް ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

ކެމްޕޭނުގެ ބޮޑެތި އިނާމުތައް:

  • ފުރަތަމަ 96 މެޗުގެ ނަސީބުވެރިންނަށް: ކޮންމެ މެޗެއްގެ ނަސީބުވެރިޔަކަށް -/1,000 ރުފިޔާ (ޖުމްލަ 96,000 ދިވެހި ރުފިޔާގެ ކޭޝް ޕްރައިޒް).

  • ކުއާޓަރު ފައިނަލުން ފެށިގެން މަތީގެ 8 މެޗުގެ ނަސީބުވެރިންނަށް: ކޮންމެ މެޗެއްގެ ނަސީބުވެރިޔަކަށް ޕީއެސް 5 ޕްރޯއެއް

ނަސީބުވެރިން ހޮވާނީ ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ރަނގަޅު ޖަވާބު ދީފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ.

ފައިސާގެ އިނާމުތައް ސީދާ ނަސީބުވެރިޔާގެ އެމްއައިބީ އެކައުންޓަށް ޖަމާކޮށްދެވޭނެއެވެ.

ނަމަވެސް، ޕީއެސް 5 ޕްރޯ ލިބޭ ފަރާތްތަކުން އިނާމާ ހަވާލުވާންޖެހޭނީ ބޭންކަށް ހާޒިރުވެގެންނެވެ.