އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ޖީއެމްއާރާއި ހަވާލުކޮށްފައިވާތީ އެކަމާ ނުރުހޭތީ، އެއާޕޯޓް ޖީއެމްއާރުގެ އަތުން އަތުލައިފިނަމަ ދެން ވާނެ ގޮތަކާމެދު ނުވިސްނައި ޖަޒުބާތުގެ ތެރޭގަ ކުއްލިކުއްލިއަށް ހަރުއަޑުން އެއްޗި ގޮވުމަކީ ޑީއާރްޕީން ކުރާނެ ކަމެއް ނޫންކަމަށް އެޕާޓީގެ ލިޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

ތަސްމީން މިހެން ވިދާޅުވީ "އެއާޕޯޓް އަނބުރާ ދިވެހީންނަށް" މިނަމުގައި ހަ ސިޔާސީ ޕާޓީއަކާއި މަދަނީ އިއްތިހާދު ގުޅިގެން ބޭއްވި ނިވްސް ކޮންފަރެންސްގައި ޑީއާރްޕީން ބައިވެރިވެފައި ނުވާކަން އެ ޕާޓީތަކުން ފާހަގަކޮށްފައިވާ މިދަނޑިވަޅުގައި ރޭ ރ. އަލިފުށީގައި ބޭއްވި ޑީއާރްޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތަސްމީން ވިދާޅުވީ ކުރީގެ ސަރުކާރުން އެއާޕޯޓް ޖީއެމްއާރާއި ހަވާލުކޮށްފައި ވަނީ އެޕާޓީން އެކަމާ ނުރުހުން ފާޅުކޮށް، އެކަންވިޔަ ނުދިނުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ ކިތަންމެ ވަރަކަށް އެކަމާ ނުރުހުން ފާޅުކުރި ނަމަވެސް އެއާޕޯޓު އެެ އޮތީ ޖީއެމްއާރާއި ހަވާލުކޮށްފައި ކަމަށާއި އެ އެއްބަސްވުމަކީ ސައްޚަ ނޫން އެއްްބަސްވުމެއްކަމަށް ވާނަމަ ދެން ޖެހޭނީ އެ މައްސަލަ ޝަރީއަތަށް ހުށަހަޅަން ކަމަށެވެ. ވިދަޅުވީ ޖީއެމްއާރާއި އެއާޕޯޓު ހަވާލު ނުކުރަން ގޮވަގޮވާ ތިއްބާ ކުރީގެ ސަރުކާރުން އެއާޕޯޓު ޖީއެމްއާރާއި ހަވާލުކުރުމުން އެއާޕޯޓް އަނބުރާ ނަގައިފިނަމަ ދެން ކުރިއަށް އޮތްތާގައި ވާނެ ގޮތަކާއި މެދު ނުވިސްނާ ކުއްލިކުއްލިއަށް ޖަޒުބާތުގައިޖެހި އެއްޗިހި ކިޔުމަކީ އެޕާޓީން ކުރާނެ ކަމެއް ނޫންކަމަށެވެ.

"އަޅުގަނޑުމެން [އެކަމަކާ] ނުރުހޭ، އެކަމަކު ޖީއެމްއާރަށް އެއާޕޯޓް ދީފަ އެ އޮތީ. އަޅުގަނޑުމެންނަކީ އެކަމާ ނުރުހޭތީ ޖަޒުބާތުގެ ތެރޭގަ ކުއްލިއަކަށް ގޮތްގޮތް ނިންމާ ހަރުއަޑުން އެއްޗިހި ބުނެ ހަދާބައެއް ނޫން. އެކަމެއް އަޅުގަނޑުމެން ނުކުރާނަން،" ތަސްމީން ވިދާޅުވި އެވެ.

ޖީއެމްއާރްގެ އަތުން އެއާޕޯޓު ނަގާނަަމަ އެކުންފުންޏަށް ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ދޭންޖެހޭ ކަމަށް ސަރުކާރުން ލަފާކޮށްފައިވާއިރު އެފައިސާ ޖީއެމްއާރަށް ދިނުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށް ރައީސް ވަހީދު ވިދާޅުވެފައި ވާކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި ރައީސް ވަހީދު އެގޮތަށް ވިދާޅުވާނަމަ އެކަމާ މެދު އަމަލުކުރަންވާނެ ގޮތެއް ދެން އެނގޭނީ އެ މައްސަލަ ސަރުކާރުން ދިރާސާ ކުރުމަށްފަހު ފާހަގަ ކުރެވޭ ކަންތައް ރައްޔިތުންނަށް ހުށަހަޅައި އެކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދައިގެން ކަަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

"ޖީއެމްއާރަށް 700 މިލިއަން ޑޮލަރު ދިނުމަކީ ސަރުކާރަށް ގޯސް ކަމަކަށް ވަންޏާ. އެ ޑޮލަރު އެފަރާތަށް ދިނީމާ މި އަންނަ އަހަރު ހަދަން ހުރި ބަނދަރުތަކަށް ވާނީ ކިހިނެތްތޯ؟ ނަރުދަމާގެ ނިޒާމަށް ކިހިނެތްތޯ ވާނީ؟ އާސަންދައިގެ ނިޒާމަށް ކިހިނެތްތޯ ވާނީ؟ މިކަންކަމުގެ ތަފްސީލު ހޯދަންޖެހޭ. ހޯދާފައި ރައްޔިތުންނަށް މިކަން ހިއްސާ ކޮށްފައި އަޅުގަނޑުމެން ސިޔާސީ މީހުން މިކަމަށް ގޮތެއް ކަނޑައަޅާނީ،" ތަސްމީން ވިދަޅުވި އެވެ.