ބައިނަލްއަގްވާމީ ސުލްހަޔާއި އަމާންކަން ދެމެހެއްޓުމުގައި ސަރަހައްދީ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އިރުތިޝާމް މިހެން ވިދާޅުވީ ޗައިނާގައި މިހާރު ކުރިއަށްދާ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގެ ހަތް ވަނަ ބައްދަލުވުމާއި، 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ތަޤުރީރުގައެވެ.

"އަވަށްޓެރި ގައުމުތަކާއެކު އޮންނަ ގުޅުން ވަރުގަދަކޮށް، އެންމެންގެ ކުރިމަގަށްޓަކައި އެއްބާރުލުން އިތުރުކުރުން" މި މައުޟޫއަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި މަޝްވަރާޔާއި ހިކުމަތްތެރި ޚާރިޖީ ސިޔާސަތުތައް އިސްކުރަންޖެހޭ ކަމަށެވެ. އަދި މި ލަނޑުދަނޑިތައް ހާސިލުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖެއާއި ޗައިނާގެ ގުޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ފާހަގަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު ޗައިނާއަށް ކުރެއްވި ދައުލަތުގެ ދަތުރުފުޅާއެކު، ދެ ގައުމުގެ ގުޅުން "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕް" އަކަށް ބަދަލުވެ، އިތުރަށް ބަދަހިވެފައިވާ ކަމަށެވެ.

އަދި ޗައިނާގެ ޔުނާން ޕްރޮވިންސްގެ ސަރުކާރާއި ރައްޔިތުން ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ތަފާތު އެކި ދާއިރާތަކުން ގުޅުން ފުޅާކުރުމަށް ރާއްޖެ ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދެއްވިއެވެ.

ތަޤުރީރު ނިންމަވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ސަރަހައްދީ ހަމަޖެހުމާއި ތަނަވަސްކަމަށް ޓަކައި ޗައިނާއާއި ސަރަހައްދީ އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.

މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު އިރުތިޝާމް ވަނީ 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފައެވެ. ހާއްސަކޮށް، މި އެކްސްޕޯގައި ބައިވެރިވި ދިވެހި ވިޔަފާރިވެރިންގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، ރާއްޖޭގެ އުފެއްދުންތައް އެކަމަނާ ބައްލަވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އަރިހުގައި، ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. ފަޒީލް ނަޖީބާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިސަލް، ޑިރެކްޓަރު މަރްޔަމް ބައްސާމާ ފާރޫގާއި ޗައިނާގައި ހުންނަ ދިވެހި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މިޒްނާ ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.