މިދިޔަ އަހަރަށް ވުރެ، 500 ރުފިޔާ އިތުރަށް، ބޮލަކަށް 5،500 ރުފިޔާގެ މަގުން މި އަހަރުގެ މުދަލު ޒަކާތް ބަހައިފިއެވެ.

ޒަކާތު ހައުސްއިން ބުނީ، މި އަހަރުގެ ހައްޖު މަހުގެ އެއްވަނަ ދުވަހާ ހަމައަށް ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ 2،384 މީހުންނަށް މުދަލު ޒަކާތް ޖަމާކޮށްދީފައިވާ ކަމަށެވެ. އެ މީހުންނަށް ޖުމުލަ، 13.1 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ބަހާފައިވާ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

މި އަހަރާ ޚިލާފަށް މިދިޔަ އަހަރު މުދަލު ޒަކާތަށް ފަގީރުންނަށް ބަހާފައި ވަނީ، 5،000 ރުފިޔާއެވެ. އެކަމަކު، މި އަހަރު ޒަކާތު ހައުސްއިން ވަނީ، 5،500 ވަނީ މުދަލު ޒަކާތުގެ ގޮތުގައި ބަހާފައެވެ. އެއީ، މިދިޔަ އަހަރަށް ވުރެ 500 ރުފިޔާ އިތުރު އަދަދެކެވެ.

ފާހަގަކުރެވޭ ގޮތުގައި، މި އަހަރުގެ ފިތުރު ޒަކާތް ބެހިއިރު، މިދިޔަ ރޯދައަށްވުރެ އިތުރަށް 1،500 ރުފިޔާ ކޮންމެ ފަގީރަކަށް ލިބުނެވެ. އެގޮތުން، މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ކޮންމެ ބޮލަކަށް 6،000 ރުފިޔާ ލިބުނެވެ.

އިސްލާމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މިއީ އެންމެ ގިނައިން ފިތުރު ޒަކާތް ލިބި، ކޮންމެ ފަގީރަކަށް އެންމެ ގިނައިން ފިތުރު ޒަކާތް ބެހި އަހަރެވެ.