05 Sep 2010, 19:25
ސަރުކާރުގެ ހުރިހާ އިދާރާތަކުން ދޭ ޚިދުމަތްތަކާ ގުޅޭ މައުލޫމާތު ހިމެނޭ ޕޯޓަލްއެއް އީގަވަމެންޓް ނިޒާމުގެ ދަށުން ތައާރަފްކޮށްފި އެވެ.
"ރައްޔިތުންގެ ޕޯޓަލް"ގެ ނަމުގައި ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ އެންސީއައިޓީން މިއަދު ލޯންޗްކުރި އެ ޕޯޓަލް މެދުވެރިކޮށް ސަރުކާރުގެ ހުރިހާ އިދާރާތަކުން ރައްޔިތުންނަށާއި ވިޔަފާރިތަކަށް އަމާޒުކޮށްގެންދޭ ހުރިހާ ޚިދުމަތްތަކުގެ މަޢުލޫމާތު އިންޓަނެޓް މެދުވެރިކޮށް އެއްތަނަކުން ލިބިގެންދާނެ މަގު ވަނީ ފަހިވެގެން ގޮސްފަ އެވެ.
އެގޮތުން އެންސީއައިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އީޖީ އޯވީ ޑޮޓް އެމްވީ" ގެ ނަމުގައި އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ފަރުމާ ކޮށްފައިވާ އީގަވަމަންޓް ޕޯޓަލްގައި ސަރުކާރުގެ ވުޒާރާތަކުން ދޭ 300 އަށް ވުރެ ގިނަ ހިދުމަތްތަކާ ގުޅޭ ތަފްސީލު ލިބެންހުންނާނެ ކަމަށެވެ. އަދި ގިނަ ޚިދުމަތްތަކާ ގުޅޭ ފޯމު ޑައުންލޯޑްކުރެވެން ހުންނާނެ ކަމަށާއި ސަރުކާރުގެ އިދާރާތަކުން ހިދުމަތް ދޭ ގަޑިތަކާއި ހިދުމަތް ހޯދަން ގުޅަންޖެހޭ ނަންބަރުތަކުގެ އިތުރުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި އެ ޚިދުމަތް ހޯދުމަށް ހޭދަވާނެ ވަގުތާ ބެހޭ ތަފްސީލު ހިމަނާފައިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެހެންކަމުން، އިދާރާތަކަށް ނުގޮސް، ރައްޔިތުން ބޭނުންވާ ޚިދުމަތް 24 ގަޑިއިރު އިންޓެނަޓު މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.