19 Sep 2012, 15:55
ލަންޑަން (ސެޕްޓެމްބަރ 19) : އޭޝިޔާގެ މަހުޖަނުންގެ ޢަދަދު ޔޫރަޕާއި އުތުރު އެމެރިކާފަދަ އެހެން ބައްރުތަކުގެ މަހުޖަނުންގެ ޢަދަދަށްވުރެ ގިނަވެއްޖެ އެވެ.
ކެޕްގެމީނީ ފައުންޑޭޝަން ފޯ ފައިނޭންޝަލް ސާވިސަސް އާއި އާރުބީސީ ވެލްތް މެނޭޖްމެންޓް، މި ދެމުއައްސަސާ ގުޅިގެން ތައްޔާރުކޮށް ނެރުނު ރިޕޯޓެއް ބުނާގޮތުން އޭޝިޔާ އާއި ޕެސިފިކް ސަރަޙައްދުގައި 3.37 މިލިޔަން މީހުން މިލިޔަނަރުންގެ ގޮތުގައި އެބަތިއްބެވެ. މިއިން ކޮންމެ މީހެއްގެ މުއްސަނދިކަން އެއްމިލިޔަން ޑޮލަރަށްވުރެ އިތުރެވެ. ޔޫރަޕްގައި މިލިޔަނަރުންގެ ގޮތުގައި ތިބީ 3.17 މިލިޔަން މީހުންނެވެ. އުތުރުއެމެރިކާގައި މިލިޔަނަރުންގެ ގޮތުގައި ތިބީ 3.35 މިލިޔަން މީހުންނެވެ.
މިރިޕޯޓް ބުނާގޮތުން އޭޝިޔާއާއި ޕެސިފިކްގައި މިލިޔަނަރުންގެ ގޮތުގައިތިބި 3.17 މިލިޔަން މީހުންގެ ތެރެއިން 54 ޕަސެންޓް މިލިޔަނަރުންނަކީ ޖަޕާން ގެ މިލިޔަނަރުންނެވެ. 17 ޕަސެންޓަކީ ޗައިނާގެ މިލިޔަނަރުންނެވެ. 5 ޕަސެންޓަކީ އޮސްޓްރޭލިޔާގެ މިލިޔަނަރުންނެވެ. މިރިޕޯޓްގައިވާ ގޮތުން އޭޝިޔާގައި މިލިޔަނަރުންގެ ގޮތުގައި ތިބި 3.37 މިލިޔަން މީހުންގެ މިލްކިއްޔާތުގައިވާ ފައިސާއާއި މުދަލުގެ މިންވަރަކީ 10.7 ޓްރިލިޔަން އެމެރިކާ ޑޮލަރެވެ.
މިއީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިސާދު ކަމަށްވާ ޗައިނާގެ ޤައުމީ އާމްދަނީ އަށްވުރެވެސް ދެ ޓްރިލިޔަން ބޮޑު ޢަދަދެކެވެ. އޭޝިޔާގެ މަހުޖަނުންގެ ޢަދަދު އެހެން ޔޫރަޕާއި އުތުރު އެމެރިކާފަދަ އެހެން ބައްރުތަކުގެ މަހުޖަނުންގެ ޢަދަދަށްވުރެ ގިނަވެފައިވަނީ ޔޫރަޕާއި އެމެރިކާގެ އިޤްތިސާދު ހީނަރުވެ ތަރައްޤީވެފައިވާ މުއްސަނދި ސަރަޙައްދެއްގެ ގޮތުގައި ޔޫރަޕާއި އެމެރިކާގެ ބަދަލުގައި އޭޝިޔާ ޕެސިފިކްގެ ޤައުމުތައް ވަމުންދާތީ ކަމަށް މިރިޕޯޓް ބުނެއެވެ. -- ރޮއިޓާސް