އޭޓީއެމް މެދުވެރިކޮށް އެކި މީހުންގެ އެކައުންޓުން ވަގަށް ފައިސާ ނަގަމުންދާ ކަމަށް ތުޙުމަތު ކުރެވިގެން އިއްޔެ ހޯދުމަށް ފުލުހުން މަސައްކަތްފެށި މީހާ މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެމައްސަލާގައި ފުލުހުން ހައްޔަރު ކުރީ ސ. ފޭދޫ، ދުންބުރުވާގެ، އުމުރުން 40 އަހަރުގެ އިބްރާހިމް ލަތީފް ކަމަށާއި އޭނާ ހައްޔަރުކުރީ އާންމުންގެ އެހީތެރިކަމާއެކު މިއަދު 11:00 ޖަހާކަންހާއިރު ވިލިމާލެއިން ކަމަށެވެ.

ނަމަވެސް އޭނާ ވައްކަންކޮށްފައިވަނީ ކިތަށް އެކައުންޓުންކަމެއް އަދި ވަގަށް ނަގާފައިވަނީ ކިހާއަދަދެއްގެ ފައިސާއެއް ކަމެއް އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ފުލުހުނެއް ނުބުނެ އެވެ.

ފުލުހުން ބުނީ އެމީހާ ވައްކަން ކުރަނީ އޭޓީއެމްތަކަށް ފައިސާނަގަންދާ މީހުންގެ ތެރެއިން ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދިނުމުގެ ނަމުގައި އެމީހުންނަށް ފައިސާނަގައި ދިނުމަށްފަހު އެމީހެއްގެ ކާޑުގެ މައުލޫމާތު ބޭނުންކޮށްގެން ކަމަށް ފާހަގަކުރެވޭކަމަށެވެ.

އަދި ފުލުހުން ވަނީ ކާޑް ސެންޓަރުތަށް ކައިރީގައި ތިބޭ ގޮތް ނޭގޭ މީހުން ފައިސާ ނެގުމަށް އެހީތެރިވެ ދިނުމަށް ހުށަހެޅިޔަސް އެފަދަ މީހުންގެ އެހީ ފައިސާ ނެގުމަށް ނުހޯދުމަށް އިލްތިމާސް ކޮށްފައެވެ.