އިންޑިއާގެ ޖީއެމްއާރް ކުންފުނިން އޮޕަރޭޓް ކުރަމުން އަންނަ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގަން ލިބިއްޖެނަމަ އެ އެއާޕޯޓް ހިންގަން މިހާރުވެސް ތައްޔާރަށް އޮތް ކަމަށް ކުރިން ވެސް އެ އެއާޕޯޓް އޮޕަރޭޓް ކުރި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓާ، މުހަންމަދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މުހަންމަދު އިބްރާހިމް ވިދާޅުވީ ޖީއެމްއާރުން އެއާޕޯޓް އޮޕަރޭޓް ކުރުމުގައި ބޭނުންކުރާ ސްޓާފުންނަކީ އެ ކުންފުނިން އެއާޕޯޓް އޮޕަރޭޓް ކުރި ދުވަސްވަރު ބޭނުން ކުރަމުން ދިޔަ ސްޓާފުން ކަމަށާއި އެ ކުންފުންޏަށް ދެންވެސް އެއާޕޯޓް ލިބިއްޖެނަމަ އެއާޕޯޓުން މިއަށްވުރެ ރަނގަޅު ފައިދާއެއް ސަރުކާރަށާއި ރާއްޖޭގެ އިގްތިސޯދަށް ލިބޭނެ ކަމަށެވެ.

"ހިންގުމުގެ ދާއިރާގައި އެ އުޅޭ ހުރިހާ މުވައްޒިފުންނަކީ އެމްއޭސީއެލްގައި ތިބި މުވައްޒަފުން، އަޅުގަނޑުމެން އެމީހުން އެތަނާ ހަވާލުކުރީ، އެހެންވީމަ ހަމަ އެއާޕޯޓާ އެއްކޮށް އެ މުވައްޒަފުން ލިބިއްޖިއްޔާ ހިންގުމަކަށް އެއްވެސް ދައްޗެއް ނޯންނާނެ، މިހާރު ވެސް ދިވެހިންނޭ އެތަން ހިންގަނީ، ގޮތްކިޔަން ތިބޭ އިސް މީހުން މި ބަދަލުވީ، ދެންވެސް ހަމަ ލިބިޖިއްޔާ ނުވާނެ ކަމެއް ނޯންނާނެ ނޫންތޯ،" މުހަންމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖީއެމްއާރާ އެއާޕޯޓް ހަވާލުކުރީ އެ ކުންފުންޏަށް ނުހިންގިގެން ނޫން ކަމަށާއި ޑިވެލޮޕް ނުކުރެވިގެން ވެސް ނޫން ކަމަށެވެ. އެކަން ކޮށްފައި ވަނީ މުޅިން އެހެން ވިސްނުމެއްގައި ކަމަށެވެ. ޖީއެމްއާރުން މިހާރު އެއާޕޯޓް ހިންގަމުން ދަނީ މުޅިން އެހެން "ސިނާރިއޯއެއް"ގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޖީއެމްއާރުން ހިންގާގޮތަށް ހިންގާނަމަ މާ ރަނގަޅު ފައިދާއެއް އެއާޕޯޓުން ހޯދޭނެ ކަމަށެވެ.

"އަނެއްކާ އަޅުގަނޑުމެން ހިންގިއިރު އަގުތަކާއި އެއްޗިހި ކޮންޓްރޯލްކޮށްގެން ގެންދިޔައީ، އެގޮތުން އަޅުގަނޑުމެންނަށް މިހާރުވެސް އެބަ އަޑުއިވޭ ތެލާއި މިހެން ގޮސް އެހެން އެއްޗިހި ބޮޑުކުރާ ވާހަކަ، ތަފާތު ދެ ސިނާރިއޯއެއްގައި މި ހިންގެނީ، ވަރަށް ގިނަ އިތުރު އާމްދަނީ އެބަ ލިބޭ ޖީއެމްއާރަށް މިހާރު،" މުހަންމަދު ވިދާޅުވި އެވެ.

އެއާޕޯޓު އެމްއޭސީއެލްއިން މިހާރުވެސް ހިންގާނަމަ އޭގެ ސަބަބުން އައިއެލެންޑް އޭވިއޭޝަނަށާއި ދިވެހި ވިޔަފާރި ކުންފުނިތަކަށް މާ ބޮޑު ފައިދާއެއް ވާނެ ކަމަށެވެ. ނަމަވެސް މިހާރު އެ ހުރިހާ ދޮރެއް ބަންދުވެފައިވާ ކަމަށް ވެސް މުހަންމަދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި އުޅެނީ ކޮންސެޝަން ފީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ވެސް ނުލިބިގެން، އެކަމަކު މިއީ ވާންޖެހޭ ގޮތެއް ނޫން، އެއާޕޯޓް އަޅުގަނޑުމެން ހިންގާނަމަ ޑިއުޓީ ފްރީ ވިޔަފާރިތަކަށާއި ގެސްޓް ހައުސް ހިންގާ މީހުންނަށް އަދި އައިލެންޑް އޭވިއޭޝަން ކަހަލަ ތަންތަނަށް ނުލާހިކު ބޮޑެތި ފައިދާވާނެ،" މުހަންމަދު ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބެއްވި ޕްރެސް ކޮންފަރެންސްގައި އެކޮނޮމިކް މިނިސްޓަރު އަހުމަދު މުހަންމަދު ވިދާޅުވީ އެމްއޭސީއެލްއިން އެއާޕޯޓް ހިންގާނަމަ 25 އަހަރު ތެރޭގައި 62 ބިލިއަން ރުފިޔާގެ ފައިދާ ސަރުކާރަށް ލިބޭ ކަމަށެވެ. ޖީއެމްއާރުން 25 އަހަރުތެރޭ އެއާޕޯޓް ހިންގައިގެން ސަރުކާރަށް ވަންނާނެ ކަމަށް ލަފާކޮށްފައިވަނީ 30 ބިލިއަނެއްހާ ރުފިޔާ އެވެ. ސަރުކާރުން މިހާރު ބުނެފައިވަނީ ޖީއެމްއާރުގެ އެގްރިމަންޓަކީ ދިވެހި ސަރުކާރަށް އެއްވެސް ފައިދާއެއް ލިބޭނެ އެގްރިމަންޓެއް ނޫން ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ޖީއެމްއާރާ އެކު އެއްވެސް މަޝްވަރާތަކެއް މިވަގުތު އެ ކުންފުނިން ނުކުރާ ކަމަށާއި ޖީއެމްއާރާ އެކު މަޝްވަރާކުރާނީ ސަރުކާރުން ކަމަށެވެ.