19 Sep 2012, 13:17
ވޯލްޑްބޭންކާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އޮސްޓްރޭލިއަން އެއިޑްގެ އެހީއާ އެކު ތިމާވެށީގެ މައިގަނޑު ތިން މަޝްރޫއެއް ރާއްޖޭގައި މިއަދު އިފްތިތާހުކޮށްފި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް އުފައްދާފައިވާ "މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑް (ސީސީޓީއެފް) ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އެތިން މަޝްރޫއު އިފްތިތާހު ކުރީ އެކަމަށް ޓަކައި މިއަދު ޓްރޭޑާސް ހޮޓަލުގައި ބޭއްވި ހާއްސަ ހަފުލާއެއްގައެވެ.
މިއަދު ފެށި ތިން މަޝްރޫއަކީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އިއާދަކުރަނިވި ހަކަތަ އުފެދުމަށް ހިންގާ "ކްލީން އެނަޖީ ފޯ ކްލައިމެޓް ޗޭންޖް މިޓިގޭޝަން (ސީއީއީއެމް) އާއި ކުޅިތައް ހިމާޔަތްކުރުމާއި ފަރުތައް ބެލެހެއްޓުމަށް ހިންގާ "ވެޓް ލޭންޑް ކޮންޒަވޭޝަން އެންޑް ކޮރަލް ރީފް މޮނިޓަރިން ފޯ ކްލައިމެޓް ޗޭންޖް (ޑަބްލިއުސީސީއެމް) އާއި އަރިއަތޮޅުގެ ކުނި މެނޭޖްކުރުމަށް ހިންގާ އަރިއެޓޯލް ސޮލިޑް ވޭސްޓް މެނޭޖްމެނެޓް ޕައިލޮޓް ( އޭއޭއެސްޑަބްލިއުއެމް) އެވެ.
މިމަޝްރޫއުތަކަށް އޮސްޓްރޭލިއަން އެއިޑާއި އީޔޫއިން 6.5 މިލިޔަން ޔޫރޯ އަދި 1.0 މިލިޔަން އެޮސްޓްރޭލިއާ ޑޮލަރު ހަރަދުކުރާއިރު އެ ފައިސާގެ ކަންތައްްތައް ބަލަހައްޓާނީ ވޯލްޑް ބޭންކުންނެވެ. އަދި މިތިން މަޝްރޫއުގެ މަސައްކަތް ހިންގާނީ ދިވެހި ސަރުކާރުންނެވެ.
އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ހިންގާ ސީއީއެމް މަޝްރޫއުގެ ދަށުން ގްރިޑް ކަނެކްޓެޑް ސޯލާ ފޮޓޯވޯލްޓިކް ސިސްޓަމް ބޭނުން ކޮށްގެން އިރުގެ އަވިން އަހަރަކު 300 ކިލޯވޯޓް އުފައްދާނެ އެވެ.
އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮސްޓްރޭލިއާގެ ހައިކޮމިޝަނަރު ރޮބިން މުޑީ ވިދާޅުވީ ކުޅި ތަކާއި ފަރުތައް ދެމެހެއްޓުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި އެންމެ ހަރަދު ކުޑަކޮށް ކުރެވޭނެ އެއް ކަންތައް ކަމަށެވެ. އަދި އެއީ ފެނުގެ ނިޒާމާއި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ބޮޑެތިފައިދާތައް ކުރާނެ ކަމެއް ކަމަށް ވެސް ރޮބިން ވިދާޅުވިއެވެ.
މިއަދު ފެށި މަޝްރޫއުތަކަކީ ދެއަހަރު ދުވަހުގެ ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކެކެވެ.