10 Jun 2026, 09:50
އިންޑިއާގައި މެދުކެނޑުމެއްނެތި އެންމެ ދިގު މުއްދަތަކަށް އެ ގައުމުގެ އިންތިޚާބީ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކަށް ނަރެންދްރާ މޯދީ ވެވަޑައިގަތުމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
މޯދީއަށް މަރުހަބާ ވިދާޅުވެ، 'އެކްސް'ގައި ރައީސް ކުރެއްވި ޕޯސްޓެއްގައިވަނީ، ދެ ގައުމުގެ އިސްތިގުލާލީ ހަމަހަމަކަމާއި ޚިޔާލު އެއްގޮތް ކަންކަމުގެ ތެރެއިން، ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރުގަދަވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މޯދީގެ ކުރިން، އިންޑިއާގައި އެންމެ ގިނަ ދުވަސްވަންދެން ބޮޑުވަޒީރުކަން ކުރެއްވީ އެ ގައުމުގެ ފުރަތަމަ ބޮޑުވަޒީރު ޖަވަރުލާލް ނެހްރޫއެވެ. އެގޮތުން ނެހްރޫ ވަނީ މެއި 13، 1952އިން ފެށިގެން މެއި 27، 1954ގައި އެމަނިކުފާނު އަވަހާރަވުމާ ހަމައަށް 4،398 ދުވަހު ބޮޑުވަޒީރުކަން ކުރައްވައިފައެވެ.
ނަވާރަސަތޭކަ ސާޅީސް ހަތްވަނަ އަހަރު އިންޑިއާ މިނިވަންވުމަށްފަހު އެ ގައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ނެހްރޫ އެ މަގާމަށް އިންތިޚާބުކުރީ 1952ވަނަ އަހަރެވެ. އެހެެންކަމުން މި މުއްދަތު ގުނަން ފަށައިފައިވަނީ 1952ވަނަ އަހަރު ނެހްރޫ ހުވާކުރެއްވި ހިސާބުން ފެށިގެންނެވެ.
މެއި 26، 2014އިން ފެށިގެން އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ މޯދީ ވަނީ ބޮޑުވަޒީރުކަމުގައި އިއްޔެ 4،399 ދުވަސް ހަމަކުރައްވައިފައެވެ.