ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ކާރާއި ސެކިއުރިޓީ ބޭނުންފުޅު ނުވާ ކަމަށާއި، އެ މަގާމުގެ ދައުރު އަދާކުރައްވާނީ އާދައިގެ ގޮތެއްގައި ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ރޭ ވިދާޅުވެއްޖެއެވެ.

މަގާމަށް އިންތިހާބުވެވަޑައިގަތުމަށްފަހު ޕީއެންސީ ހަރުގޭގައި ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަފުޅުކަދައްކަވަމުން ސަލީމް ވިދާޅުވީ އޭނާއަކީ މާ މަތީ ފެންވަރުގައި އުޅެން ބޭނުންވާ ބޭފުލެއް ނޫން ކަމަށެވެ.

ސަލީމް ވިދާޅުވި ގޮތުގައި މަގާމުގެ ހައިސިއްޔަތުން ދައުލަތުގެ ކާރަކާ ހަވާލުވާން މަޖިލީހުގެ އިދާރާއިން ގުޅާފައި ދެންނެވި ނަމަވެސް، އެކަމާ ހަވާލުވެނުލައްވާނެ ކަމަށެވެ.

"އަޅުގަނޑު މިހާރު ވެސް ދާގޮތަށް މީހެއްގެ ސައިކަލް ފަހަތުގައޭ ވަޑައިގަންނަވާނީ. އެހެންވީމަ އަޅުގަނޑަކީ މާ މަތީ ފެންވަރުގައި އުޅެން ބޭނުންވާ ބޭފުޅެއް ނޫން،" ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސެކިއުރިޓީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އޭނާގެ ސެކިއުރިޓީ ހެއްދެވި ފަރާތާ ހަވާލުކުރައްވާފައިވާ ކަމަށާއި، އިތުރު ސެކިއުރިޓީއެއް ބޭނުންފުޅު ނުވާ ކަމަށެވެ.

ޕީއެންސީގައި ތިއްބެވީ ގައުމަށް އިހްލާސްތެރި ބޭފުޅުންކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ، އެ ޕާޓީގެ މެންބަރުންނަކީ މަގާމުގެ ފެންވަރު މަތިވެގެން އުޅެން ބޭނުންފުޅުވާ ބޭފުޅުންނެއް ނޫން ކަމަށެވެ. މިސާލެއްގެ ގޮތުން، ސިއްހީ ހާލަތު ހުރި ގޮތުން ގާބިލް އެހެން ބޭފުޅަކަށް ފުރުސަތު ދެއްވުމަށް ފިނޭންސް މިނިސްޓަރުކަމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވުމަކީ އެކަމުގެ ހެއްކެއް ކަމަށް ސަލީމް ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް އިންތިހާބު ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސަލީމް ވިދާޅުވީ ހަގީގަތުގައި އެބޭފުޅާ އެ މަގާމު ބޭނުން ނުވާ ކަމަށާއި، ނަމަވެސް ހާލަތާއި ޕާޓީގެ މަސްލަހަތާއި އެކުވެރިކަން ދެމެހެއްޓުމަށްޓަކައި އެ މަގާމާ ހަވާލުވެވަޑައިގަތީ ކަމަށެވެ.

ސަލީމް ވިދާޅުވީ އެބޭފުޅާ މަގާމާ ހަވާލުވީ ޕާޓީގެ ގުޅުން ވަރުގަދަ ކުރުމަށްޓަކައި ކަމަށާއި އެހެން ނޫން ނަމަ އެއީ އެއްވެސް ބޭނުމެއްހުރި މަގާމެއް ނޫން ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ޕީއެންސީގެ ބައެއް އެހެން މެންބަރުންގެ ޝައުގުވެރިކަން ވެސް އޮތުމުން ވާދަވެރިކަން ބޮޑުވި ނަމަވެސް، އެންމެ ފަހުން ހުރިހާ މެންބަރުން އެއްބަސްވީ ސަލީމަށް އެ މަގާމު ދެއްވުމަށެވެ.

އެ ނިންމުން ނިންމިއިރު ސަލީމް ހުންނެވީ ހައްޖުގެ އަޅުކަމަށް ވަޑައިގެން މައްކާގައެވެ. ސަލީމް ވިދާޅުވީ އަމިއްލަ ވިޔަފާރިއަށް ވުރެ އޭނާއަށް ގައުމަށްޓަކައި މަސައްކަތް ކުރުން މާ މުހިންމު ކަމަށެވެ.