10 Jun 2026, 09:19

ކޮންމެ އާއިލާއަކަށް، ގޭބީސީއަކަށް 60،000 ރުފިޔާގެ އާމްދަނީއެއް ލިބެން ޖެހޭ ކަމަށާއި އެމްޑީޕީން އެ ކަން ކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ ނަޝީދު އަންނަނީ، ކެމްޕެއިން ދަތުރުތައް ކުރައްވަމުންނެވެ. އެ ދަތުރުފުޅުތަކުގައި ރާއްޖޭގެ އެކި ރަށްތަކަށް އަންނަނީ ވަޑައިގަންނަވަމުންނެވެ.
މިގޮތުން، އިއްޔެ ނ. ކުޑަފަރިއަށް ވަޑައިގެން އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ދައުލަތުގެ ދަރަނިތައް ދައްކަނީ އިތުރު ދަރަންޏެއް ނަގައިގެންނާއި ސަބްސިޑީ ދަށްކޮށްގެން ކަމަށެވެ.
ބޭސް އެތެރެނުކޮށް، އާސަންދަ ނުދޭނަމަ، ސަރުކާރުގެ އަތުގައި ފައިސާ އިތުރުވާނެ ކަން ފާހަގަކުރައްވައި، ނަޝީދު ވަނީ ދަރަނި ދައްކަނީ އެ ފައިސާއިން ކަމަށް ތުހުމަތުކުރައްވާފައެވެ.

ނަޝީދާއި ފައްޔާޒް އެކުގައި ---- ފޮޓޯ/ ހުސައިން ޝާފިއު
އެމްޑީޕީގެ، ތަޞައްވުރަކީ ރައްޔިތުން މުއްސަނދިކޮށް، ދަރަނި ދެއްކުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެހެންވެ، މިހާރު ލިބޭ އާމްދަނީ ދެ ގުނަ ވާން ޖެހޭ ކަމަށް ނަޝީދު ގަބޫލުކުރައްވައެވެ.
"60،000 ރުފިޔާ ކޮންމެ ގެއަކަށް އެބަ ވަންނަން ޖެހޭ. ކޮންމެ އާއިލާއަކަށް މި މިންވަރު އެބަ ވަންނަން ޖެހޭ. އިރާދަކުރެއްވިއްޔާ އެމްޑީޕީން މި ކަން ކޮށްދޭނަން," އެ މަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވަނީ، އެ ވަރުގެ އާމްދަނީއެއް ލިބޭ ގޮތަށް ސިޔާސަތުތައް ބަދަލު ކުރައްވާނެކަން ވެސް ހާމަކުރައްވާފައެވެ. މިގޮތުން، މަހަށް ދިޔުމާއި ކޭކު އެޅުމާއި ހެދިކާ ހެދުން ފަދަ އަމިއްލަ މަސައްކަތްތައް ކުރާ މީހުންނަށް އެ ޕާޓީން ސިޔާސަތުތައް އެކުލަވާލާނެކަން ފާހަގަކުރެއްވިއެވެ.
ނަޝީދުގެ ވެރިކަމުގައި ރާއްޖެއަށް ވަނީ މީގެ ކުރިން ވެސް ސަބްސިޑީގެ ގިނަ ކަންތައްތަކެއް ތައާރަފު ކުރައްވައިފައެވެ. އޭގެ ތެރޭގައި އާސަންދަ އާއި އުމުރުން ދުވަސް ވުމުން ދޭ އެލަވަންސާއި އެކަނިވެރިމައިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތް ހިމެނެއެވެ.