19 Sep 2012, 12:52
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގާ ޖީއެމްއާރު ކުންފުނިން އިއުލާންކުރި ހައްޖުދަތުރުގެ ފުރުސަތުތައް އަންނަ އަހަރަށް ފަސްކޮށްފި އެވެ.
އެ ކުންފުނިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ 10 މުވައްޒިފަކަށާއި އާންމު 10 ފަރާތެއް މިއަހަރު ހައްޖަށް ފޮނުވާނެ ކަން އިއުލާންކުރި ނަމަވެސް އެ ފަރާތްތައް މިއަހަރު ހައްޖަށް ފޮނުވޭ ގޮތް ނުވީ ރާއްޖެއަށް އިތުރަށް ލިބޭނެ ކަމަށް މީގެ ކުރިން ޔަގީން ކުރެވުނު 500 ޖާގަ ނުލިބޭނެ ކަމަށް ސައުދީ ސަރުކާރުން މިހާރު އަންގާފައިވާތީ ކަމަށެވެ. އަދި ހައްޖަށް ފޮނުވުމަށް އިއުލާންކުރީ އެ ޖާގަތަށް ލިބޭނެ ކަމަށް ބަލައިގެން ކަމަށްވެސް އިއުލާނުގައިވެ އެވެ.
އަދި އަންނަ އަހަރުގެ ހައްޖު މޫސުމަށް އެ ޖާގަތައް ލިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުންޏަށް މިހާރު ލިބިފައިވާ ކަމަށްވެސް އިއުލާނުގައިވެ އެވެ. އެހެން ކަމުން ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން އަންނަ އަހަރަށް ފަސްކުރެވިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
"ގުރުއަތުލުން ދެން އޮންނާނީ އަޅުގަނޑުމެންނަށް މިއަންނަ އަހަރުގެ ޖާގަތައް ލިބުމުން ކަމަށްވެސް ދަނަވަމެވެ،" އިއުލާނުގައިވެ އެވެ.
އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ހައްޖަށް ފޮނުވުމަށް ހުޅުވާލި ފުރުސަތުގައި 200 ފަރާތަކުން ވަނީ ކުރިމަތިލައިފަ އެވެ.