19 Sep 2012, 12:48
މަސްތުވާތަކެއްޗާއިއެކު ބ. އޭދަފުށީ ރެސްޓޯރެންޓަކުން ހައްޔަރު ކުރި ހަ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ އޭދަފުށީ ގޯލްޑަން ބްރައުން ރެސްޓޯރަންޓްގެ ބޭރުގައިހުރި މޭޒެއްގެ ކައިރީ ތިއްބާ މަސްތުވާތަކެއްޗާއިއެކު މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު ހައްޔަރުކުރި ހަ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ.
ދައުވާކުރަން ފޮނުވާފައިވާ މީހުންނަކީ އޭދަފުށީ ރާސްތާ، އިރުހާސް އިބްރާހީމް 22، އާއި އެރަށު ލޮނުވެލި ހަމްދޫން އިބްރާހީމް 28، އާއި މިލާނޯ މުއައްތަރު މުހައްމަދު 23، އާއި ފިޔާދާގޭ، އަބްދުލް މުއުމިން މޫސާ 28، އާއި ށ. މާއުނގޫދޫ މިނާޝާމަންޒިލް، އަލީ ސާފިރު 21، ގެ އިތުރުން ހ. ބްލޫމީޑް މުހައްމަދު ރާއިފް 22، ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމީހުން ތިބި މޭޒުގެ ދަށުން މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ 13 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން މުއައްތަރު ފިޔަވައި އެހެން އެންމެންގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.