09 Jun 2026, 16:24
ވޯލްޑް ކަޕް ފެށުމުގެ ކުރިން ފްރާންސް ކުޅުނު ފަހު އެކުވެރިކަމުގެ މެޗުގައި ނޮދަން އަޔަލޭންޑް އަތުން 3-1 އިން އެޓީމު މޮޅުވި ނަމަވެސް، މުޅި މީޑިއާގެ ސަމާލުކަން ހުއްޓުނީ ޓީމުގެ ކެޕްޓަން ކީލިއަން އެމްބާޕޭގެ ފޯމަށެވެ.
ގައުމީ ޓީމަށް ކުޅުނު 98 މެޗުން 56 ގޯލު ޖަހާފައިވާ އެމްބާޕޭއަށް މި މެޗުގައިވެސް ލަނޑެއް ނުޖެހި، އޭނާ ވަނީ ޖެހިޖެހިގެން ތިން މެޗު ގޯލެއް ނުޖެހި ނިންމާލަން ޖެހިފައެވެ.
ދަނޑުމަތީގައި އެމްބާޕޭގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނު ނަމަވެސް، އޭނާ އާއި ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ހުރީ މިކަމާ އެއްވެސްވަރަކަށް ކަންބޮޑުވެފައެއް ނޫނެވެ.
މެޗަށްފަހު ވާހަކަދައްކަމުން ކޯޗު ޑެޝޯމްޕްސް ބުނީ އެމްބާޕޭގެ ފޯމާ މެދު އޭނާ ކަންބޮޑުނުވާ ކަމަށާއި، އެމްބާޕޭ އޭނާ ގާތު "މޮޅު ކުޅުން ބަހައްޓަނީ ވޯލްޑް ކަޕަށް" ކަމަށް ބުނެފައިވާތީ ހިތްހަމަޖެހިގެން ހުރި ކަމަށެވެ.
އެމްބާޕޭގެ ވިދުން މި މެޗުގައި ފަނޑުވި ނަމަވެސް، ފްރާންސް ޓީމުގެ އަނެއް ތަރި މައިކަލް އޮލީސޭ ވަނީ ހިތްގައިމު ހެޓްރިކެއް ހަދައި މުޅި މެޗު ކޮންޓްރޯލްކޮށްފައެވެ.
ބަޔާން މިއުނިކްގެ އޮލީސޭގެ މި މޮޅު ކުޅުމަށް ކޯޗު ޑެޝޯމްޕްސް ވަރަށް ބޮޑަށް ތައުރީފުކުރިއެވެ. ފްރާންސް ވޯލްޑް ކަޕަށް ކުރިމަތިލާއިރު އެމްބާޕޭގެ ފޯމާމެދު ސުވާލުތަކެއް ހުރި ނަމަވެސް، މިފަހަރު އެ ގައުމުން ތަށި ނަގާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.