ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ ޗެއާމަން މުހައްމަދު އިމްތިޔާޒު (އިންތި) ހިންގާފައިވާކަމަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ އިންތި އޭނާގެ އަމިއްލަ ފިހާރައަށް 2000 ކޭސް މަސްދަޅު ކުރެޑިޓަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށާއި ތަހުގީގު ނުނިމެނީސް މައްސަލައާ ގުޅޭ ތަފްސީލު ދެވެން ނެތް ކަމަށެވެ.

"އެ މައްސަލަ އަޅުގަނޑުމެން ތަހުގީގު ކުރަމުން މިގެންދަނީ. އޮންގޮއިން ތަހުގީގަކާގުޅޭ އެއްވެސް މައުލޫމާތެއް ތަހުގީގު ނިމުމުގެ ކުރިން ނުދެވޭނެ. ތަހުގީގު ނިންމާފައި ކޮމިޝަނުން ނިންމާ ނިންމުން އަޅުގަނޑުމެން ހާމަކުރާނަން،" މުއައްވިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ ތަހުގީގު ނިމުމުން ކަމަށާއި ތަހުގީގު ނިމުމުން އެކަމާ ގުޅޭގޮތުން ކޮމިޝަނުން ނިންމާ ނިންމުމެއް ހާމަކުރައްވާނެ ކަމަށެވެ.

އިންތި މިއަދު ވިދާޅުވީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ގަވާއިދާއި ޚިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި އެފަދަ މައްސަލައެއް ތަހުގީގު ކުރާނަމަ އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ނޯންނާނެ އެއްގޮތަކަށް ވެސް ނަފާ ހޯދަން ނޫނީ ނާޖާއިޒު ފައިދާއެއް ނަގަން އެއްވެސް ކަމެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮށްފަ. ގަވާއިދާއި ޚިލާފަށް އެއްވެސް ކަމެއް ނޯންނާނެ ކޮށްފައެއް. އަޅުގަނޑު ވަރަށް ތާއީދު ހަމަ މައްސަލަ ބަލަންވީ އަޅުގަނޑުގެ ހުރިހާ އެެއްބާރުލުމެއް ލިބޭނެ،" އިންތި ވިދާޅުވި އެވެ.