05 Sep 2010, 19:22
އަންނަ ފިތުރު އީދު ދުވަހުގެ ހަވީރު ހަތަރަކުން ފެށިގެން ދަންވަރު އެކެއް ޖަހަންދެން މާލެ އާއި އަތޮޅުތަކުގެ ތެރޭގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްވެސް އުޅަނދެއް ދުއްވުން ޓްރާންސްޕޯޓް އޮތޯރިޓީން މަނާކޮށްފި އެވެ.
ސްޓޭޓް މިނިސްޓަރ ފޯރ ހައުސިން ޓްރާންސްޓް އެންޑް އެންވަރަމަންޓް މައިޒާން އާދަމް މަނިކު ވިދާޅުވީ، އީދު ދުވަހުގެ ހަތަރަކުން އެ ރޭ ދަންވަރު އެކެއް ޖަހަންދެން އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުން މަނާ ކުރަން ނިންމީ ހިނގާފައި އުޅުމުގެ ދުވަހެއް ފާހަގަކުރުމަށް ކަމަށެވެ. އެއްވެސް އުޅަނދެއް ދުއްވުން އާންމުކޮށް މަނާކޮށްފައިވީ ނަމަވެސް، ސަލާމަތީ ބާރުތަކުން ދުއްވާ އުޅަނދާއި އެމްބިއުލާންސާއި ހާއްސަ ހުއްދައެއް ދޭ ޓެކްސީ އާއި ޕިކަޕުގެ އިތުރުން ކުއްލި ސަބަބުތަކާ ހުރެ ބޭނުންކުރަން ޖެހޭ އުޅަނދުތައް ދުއްވޭނެ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވި އެވެ. އަދި އެ އުޅަނދުތައް ވެސް ދުއްވޭނީ، ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ހާއްސަ ހުއްދައެއް ބޭނުންކޮށްގެން ކަމަށާއި މާދަމާއިން ފެށިގެން ރަށު އޮފީސްތަކުންނާއި އެ އޮތޯރިޓީން ހުއްދަ ދޫކުރަން ފަށާނެ ކަމަށް ވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވި އެވެ. އަދި ޕިކަޕާއި ޓެކްސީ ސެންޓަރުތަކާ މަޝްވަރާކުރުމަށް ފަހު ވަކި އަދަދަކަށް ޚާއްސަ ހުއްދަތައް އެ ސެންޓަރުތަކަށް ދޫކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާދަމް މަނިކު ވިދާޅުވި ގޮތުގައި، އެއްގަމު އުޅަނދު ދުއްވުން މަނާކޮށް، މިއަދު އެކަން އިއުލާންކުރީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިބިދޭ ބާރުގެ ދަށުންނެވެ. އަދި އެ އިއުލާނާ ހިލާފުވާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީދު ދުވަހުގެ ކުޅިވަރުތަކާއި ހަފުލާތައް ބޭއްވުމަށް މާލޭގެ ބައެއް މަގުތައް ބަންދުކުރާ ގޮތަށް ވެސް ވަނީ މިހާރު ހަމަޖައްސައިފަ އެވެ. އެގޮތުން މުނިސިޕަލިޓީގެ ރައީސް ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ، މާލޭގައި ދަތުރުފަތުރު ކުރުމަށް ހުރަސް ނޭޅޭނެ ފަދަ ގޮތަކަށް ބަލައި، އެކިއެކި ހަފްލާތައް ބޭއްވުމަށްޓަކައި، އީދު ދުވަހާ ޖެހިގެން އަންނަ ދެދުވަހު ބައެއް މަގުތައް ބަންދުކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ. އަދި އެ ހުއްދަ ބޭނުންވާ ފަރާތްތަކުން ފުރަންޖެހޭ ފޯމު މާދަމާއިން ފެށިގެން މުނިސިޕަލިޓީން ލިބެން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަލަންޑަރުގައިވާ ގޮތުގައި، މި އަހަރުގެ ފިތުރު އީދުގެ ފުރަތަމަ ދުވަސް ވާނީ އަންނަ ހުކުރު ދުވަހަށެވެ.