19 Sep 2012, 12:19
އިންތިހާބެއް ބޭއްވުމުގެ ކަންތައްތައް ހަމަނުޖެހެނީސް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ އެޖެންޑާއިން ރާއްޖެ ނުނަގަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހަށް އެމަނިކުފާނު ލިއުއްވާފައިވާ ލިއުމެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ގާނޫނާ ހިލާފަށް ކޮށްފައިވާ އެންމެހާ ކަންތައްތައް ބެލި، އަނިޔާ ލިބުނު މީހުންނަށް އިންސާފު ލިބިދީ، އިންތިހާބަކަށް ޓަކައި ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރެވެންދެން ސީމެގުން ގާތުން ބަލަމުން ގެންދާ ކަންތައްތަކުގެ ތެރޭގައި ރާއްޖެ ބޭއްވުމަށް މެމްބަރު ގައުމުތަކަށް ގޮވާލައްވާ ކަމަށެވެ.
"ސީމެގްގެ އެޖެންޑާއިން ރާއްޖެ ނަގައިފި ނަމަ އިންސާނީ ހައްގުތައް ނަގައިލެވުނު މީހުންނަށް އިންސާފު ލިބިދިނުމާއި މިނިވަން އިންސާފުވެރި އިންތިހާބެއް ދުވަހަކު ވެސް ދެން ރާއްޖޭގަައި ބޭއްވުމުގެ ފުރުސަތު ގެއްލިގެންދާނެ އެވެ. އޭރުން ރާއްޖެ އަލުން ވާނީ ފުލުހުން ހިންގާ ގައުމަކަށެވެ. ރާއްޖޭގެ ޑިމޮކްރަސީ ވެންގެންދާނީ ތާރީހު ފޮތްތަކުގެ ފުޓްނޯޓަކަށެވެ،" ރައީސް ނަޝީދު ލިއުއްވާފައި ވެއެވެ.
"އިން ދަ މޯލްޑިވްސް، އަވަ ޑިމޮކްރަސީ އިސް ސަފޮކޭޓެޑް، ވީ ނީޑް ހެލްޕް" (ރާއްޖޭގައި އަހަރެމެންގެ ޑިމޮކްރަސީ ވަނީ ނޭވާ ހާސްވެފައެވެ. އަހަރެމެންނަށް އެހީ ބޭނުމެެވެ.) މި ސުރުހީގެ ދަށުން ރައީސް ނަޝީދު ލިއުއްވާފައިވާ އެ ލިއުމުގައި ވަނީ އެ މަނިކުފާނުގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ހިންގަން މަސައްްކަތް ކުރަނީ އިންތިހާބެއްގައި ވާދަ ނުކުރެއްވޭ ގޮތް ހަދަން ކަމަށެވެ.
"އެބޭފުޅުންގެ ލަނޑުދަނޑިއަކީ އިންތިހާބީ ގޮތުން އެބޭފުޅުން ބަލިވެވަޑައިގަތް ބަލިވެވަޑައިގަތުމުގެ ބަދަލު ހިއްޕެވުމެވެ. މިނިވަން އިންތިހާބެއްގެ ތެރެއިން ވެރިކަން ގެއްލުމުގެ މިސްޓޭކް [ގޯސް ރައީސް މައުމޫން އަބްދުލް] ގައްޔޫމާ އޭނާގެ ބައިވެރިންނަށް ވަނީ ހެދިފައެވެ. އެމީހުން އެމިސްޓޭކް ތަކުރާރެއް ނުކުރާނެއެވެ،" ރައީސް ނަޝީދު ލިއުއްވާފައި ވެއެވެ.
އުމުރުފުޅުގެ ބާކީ ބައި ރައީސް ނަޝީދު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައިވާ ކަމަށް ވެސް އެލިއުމުގައި ވެއެވެ.
ސީމެގްގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނާފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގެ ވެރިކަން ބަދަލުވުމާ ގުޅިގެންނެވެ. ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީގެ ރިޕޯޓް އާއްމު ކުރި ފަހުން ސީމެގްގެ ޓެލެކޮންފަރެންސެއް ބޭއްވި ނަމަވެސް އެ ކޮންފަރެންސްގައި ރާއްޖެއާ މެދު ގޮތެއް ނުނިންމުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް އެގްރޫޕުން ކުރިން ވަނީ ބުނެފައެވެ.
ރާއްޖެއާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް މިހާރު ހަމަޖެހިފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު ލަންޑަންގައި އޮންނަ ބައްދަލުވުމުގަ އެވެ.