ރެލިގޭޝަން ފުޓްބޯޅަ މުބާރާތުގައި ދެ ވަނަ ޑިވިޝަނުގެ ބީޖީ އަތުން 2-1 އިން ބަލިވެ، ވިޔަންސާ ކަރުތާފެނަށް ވެއްޓިއްޖެ އެވެ.

ފުރަތަމަ ޑިވިޝނުގެ އެންމެ ބަލި ދެ ޓީމާއި ދެ ވަނަ ޑިވިޝަނުގެ އެންމެ ގަދަ ދެ ޓީމު ހިމަނައިގެން ކުޅޭ ރެލިގޭޝަނަކީ އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅޭނެ ދެ ޓީމު ހޮވަން ކުޅޭ މުބާރާތެކެވެ. ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނީ ލީގު އުސޫލުން އެއްބުރު ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށެވެ.

ވިޔަންސާ ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ބީޖީ އަށް އިއްޔެ ދެ ގޯލު ވެސް ޖަހައިދިނީ ލަންކާ ކުޅުންތެރިޔާ ރަމްލަން އެވެ. ވިޔަންސާގެ ލަނޑު ޖެހީ އިބްރާހީމް ރިޒްވާނެވެ.

މެޗުން ބަލިވުމުން ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ އޭނާގެ ޓީމު ބަލިވި ސަބަބު ޖެހޭނީ ހޯދައި ބަލަން ކަމަށެވެ. އަދި އިއްޔެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ދަށް ކުޅުމެއް ކަމަށެވެ.

ރެލިގޭޝަނުގައި ވިޔަންސާ ދެން ކުޅެން ޖެހޭނީ ހޮނިހިރު ދުވަހު ޔުނައިޓެޑް ވިކްޓަރީއާ އެވެ. އެ ޓީމު ވަނީ ފުރަތަމަ މެޗުގައި ވެލެންސިއާ އަތުން 1-0 އިން ބަލިވެފަ އެވެ.