ބަދުއަހުލާގީ އަމަލެއް ހިންގަމުން ގެންދިޔަ ކަމުގެ ތުހުމަތުގައި ފ. ނިލަންދޫއިން ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ސަން އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ފިރިހެން މީހާ ދިރިއުޅޭ ކޮޓަރީގެ ތެރޭގައި ބަރަހާނާ މަންޒަރުތައް ދައްކުވައިދޭ ފިލްމެއް އަޅުވައިގެން ބަދުއަހުލާގީ އަމަލު ހިންގަމުން ދަނިކޮށެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް އަބްދުލް ޖަލީލު އަހުމަދު މިއަދު ވިދާޅުވީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައި ފިރިހެން މީހާ އެރަށުގައި ދިރިއުޅޭ ކޮޓަރީގއި ބަދުއަހުލާގީ އަމަލު ހިންގަން ތިއްބާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އެ ދެ މީހުން އުޅެނީ ރައްޓެހިވެގެން ކަމެއް ނޭނގޭ، އެ އަންހެން މީހާ ފެނޭ އެ ރަށުގައި އުޅޭ އެހެން މީހުންނާ އެކު ވެސް. މައުލޫމާތު ލިބުނު ގޮތުގައި ހައްޔަރުކުރި އިރު އެމީހުން ތިބީ ބަރަހަނާ ފިލްމު ބަލަން،" ޖަލީލް ވިދާޅުވި އެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށް އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ނިލަންދޫގައި އުުޅެމުން އަންނަތާ ހަތަރު އަހަރުވެފައިވާ ބަންގްލަދޭޝްގެ އެފިރިހެން މީހާއަކީ އެރަށުގައި ހުންނަ ފަހާތަނެއްގައި މަސައްކަތް ކުރާ މީހެކެވެ. އަންހެން މީހާ އުޅެނީ އެރަށުގެ ގެއެއްގައި ހައުސްމެއިޑަކަށެވެ.