19 Sep 2012, 12:05
މާލޭގެ ލޯކަލް މާރުކޭޓަކީ ބައިބޯ ތަނެކެވެ. މުޅީންހެން ފިރިހެނުންނެވެ. ގޮޅިތަކުގައި ވެސް ތިބެނީ ފިރިހެނުންނެވެ. އެކަމަކު އެންމެންގެ ތެރޭގައި ފިރިހެނަކަށް ވެގެން މަސައްކަތް ކުރާ އަންހެނަކު ވެސް އުޅެ އެވެ. އޭނާ އިންނަނީ މާރުކޭޓް ގޮޅިއެއްގެ ވަތްގަނޑުގަ އެވެ. ހދ. ނޮޅިވަރަމަށް އުފަން ފާތުމަތު މޫސާ 64، ނުވަތަ ދޮންފާތުމަ ގޮޅީން ފެނުމަކީ ބާޒާރަށް ގޮސް އުޅޭ މީހުންނަށް އާކަމެއް ވެސް ނޫނެވެ. ސަބަބަކީ ގޮޅީގެ ވަތްގަނޑުގައި އޭނާ އިންނަތާ އެތައް އަހަރެއް ވެފައިވާތީ އެވެ.
ދޮންފާތުމަ ބުނާ ގޮތުން ބާޒާރު ގޮޅީގެ ތެރެއަށް އޭނާއަށް ވެއްދީ އޭނާގެ ފިރިމީހާ އަހުމަދު މޫސާ (ސައްކެޔޮ ޅަހުއްތު) އާ 1986 ގައި ކައިވެނިކުރިތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ. – ސައްކެޔޮ ޅަހުއްތުއަކީ މާލޭ މުނިސިޕަލްޓީގެ ދުވަސްވަރުން ފެށިގެން ބާޒާރުމަތީން ގޮޅީ ކުއްޔަށް ހިފައިގެން ވިޔަފާރި ކުރާ އެންމެ ދުވަސްވީ އެކެކެވެ--
"މިއީ ކޮންމެ ކޮންމެ އަންހެނަކަށް ކުރަން ކެރޭނެ އަދި އެހާ ފަސޭހަ ވެސް ކަމެއް ނޫން،" ދޮންފާތުމަ ބުންޏެވެ.
ޅަހުއްތު ދޮން ފާތުމައާ ކައިވެނި ކުރި ދުވަސްވަރު ދޮންފާތުމަ ބާޒާރަށް ގެންދާކަށް ބޭނުމެއް ނުވެ އެވެ. އޭނާ ބޭނުން ވަނީ ގެއަށް ބޭނުންވާ އެއްޗެހީގެ ލިސްޓެއް ކޮންމެ ދުވަހަކު ވެސް ދޮންފާތުމަ ދިނުމުން ބާޒާރުން އޭނާ އެތަކެތި ގެންގޮސްދޭށެވެ. "ޅަހުއްތު އެގޮތް ބޭނުންވީ އެދުވަސްވަރަކީ އަންހެނުން ބާޒާރު މައްޗަށް ނުކުމެ އުޅޭ ދުވަސްވަރެއް ކަމުގައި ނުވާތީ. ނަމަވެސް އަޅުގަނޑަށް އެގޮތެއް ކަމަކު ނުދިޔަ އެހާހިސާބުން ޅަހުއްތުއާ އެކު ބާޒާރަށް އައިސް ގޮޅިގައި މަސައްކަތްކުރަން ފެށީ،" އޭނާ ބުންޏެވެ.
ދޮންފާތުމަގެ އިތުރުން އެހެން އަންބަކާއި އެބަނޑުގެ 11 ދަރިން ގޮވައިގެން ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ޅަހުއްތު ބުނިގޮތުގައި އޭނާގެ އަންހެނުން ދޮން ފާތުމަ ގޮޅިއަށް ވެއްދީ ބާޒާރުގައި އޭނާ ކުރާ މަސައްކަތަށް ލުޔެއް ހޯދުމަށާއި ގޮޅީގެ ވަތްގަނޑުގައި ހިލޭ މީހަކު ބޭންދުމުގެ ބަދަލުގައި އަންހެނުންނާ ވަތްގަނޑު ހަވާލު ކުރަން ބޭނުންވުމުންނެވެ. ޅަހުއްތު ވަނީ މާރުކޭޓުގެ އިތުރު ދެ ގޮޅިއެއް ކުއްޔަށް ހިފައި އެތަންތަން ހިންގުން ދޮންފާތުމައަށް ދޫކޮށްލައިފަ އެވެ. –- ދޮންފާތުމަގެ ވެސް އެހެން ބަފަޔަކަށް ދެ ކުދިން ތިބެ އެވެ--
ފިރިމީހާގެ ގޮޅިތައް ބެލެހެއްޓުމަށް ދޮންފާތުމަ ކޮންމެ ދުވަހަކު ވެސް ހުޅުމާލެއިން ދަތުރު ފަށަނީ ފަތިހު 5:30 ގައެވެ. ފަތިހު މާލެ އަންނަ ގޮތަށް ދޯނިތަކުން ގެންނަ މުދާ މަޖޫރީން ލައްވައި ގޮޅިއަށް އެތެރެކުރުމުގެ މަސައްކަތާއި ގޮޅީގެ ވަތްގަނޑާ ހަވާލުވެ އެވެ. ކެއުން އޮންނަނީ ބޮޑު ހޮޓަލުގަ އެވެ. އެނބުރި ހުޅުމާލެއަށް ދަނީ ރޭގަނޑު 9:00 ޖެހުމުން ގޮޅީގެ މަސައްކަތް ނިންމާފަ އެވެ.
ގޮޅިތަކުގެ ހިސާބުތައް ބެލެހެއްޓުމުގައި ދޮންފާތުމަމެން ގެންގުޅޭ ތަރުތީބެވެ. ގެންނަ މުދަލުގެ ތަފްސީލާއި ފައިސާދޭން ޖެހޭ ފަރާތްތަކުގެ ތަފްސީލުން ފެށިގެން ގޮޅިތަކަށް ރަށްރަށުގެ މީހުން ދޭން ޖެހޭ ފައިސާ ވެސް ހުންނަނީ ލިޔެ ސިޓީ އުރައަށް އަޅައި ނަން ޖަހައިފަ އެވެ.
ޅަހުއްތު އިންނަނީ އަބަދުވެސް އޭނާގެ ގޮޅީގަ އެވެ. ދޮންފާތުމަ އިންނަނީ އޭނާ އަށް އޮންނަ ދެ ގޮޅީގަ އެވެ. ބައެއް ފަހަރު ޅަހުއްތުގެ ގޮޅިވެސް ބަލައިދެ އެވެ. ދޮންފާތުމަގެ ދެ ގޮޅީގައި ވިއްކަނީ ތަރުކާރީ އާއި މޭވަ އެވެ. ޅަހުއްތުގެ ގޮޅީގައި ގިނައީ ދިވެހި އުފެއްދުންތަކެވެ.
ދޮންމާތުމަ އާއި ޅަހުއްތުގެ ގޮޅީގެ ވިޔަފާރީގައި ދިމާވި މަޖާ ވާހަކައެއް އެ ދެމަފިރިން ކިޔައިދިނެވެ؛ އެއީ މުނިސިޕަލްޓީގެ ދުވަސްވަރު ޝަރުތު ހަމަނުވެގެން ގޮޅި ނުލިބުނު މީހުންގެ ޝަކުވާ އޭރުގެ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކަށް ހުށަހަޅަން މީހުން ދިޔަ ދުވަހެެކެވެ. އެމީހުންގެ ތެރޭގައި ދޮންފާތުމަ ވެސް ހިމެނުނެވެ. އެ ދެމަފިރިން ބުނީ ފާތުމައަށް ގޮޅި ނުލިބުނީ އޭނާ ޅަހުއްތުއާ އިނދެގެން އުޅޭތީ ކަމަށް އޭރު އަޑު ފެތުރުނެވެ.
"ދެވަނަ ބުރަށް މުނިސިޕަލްޓީގައި ބޭއްވި ބައްދަލުވުމަށް އަޅުގަނޑު ދިޔައިން. އަޅުގަނޑުގެ ފުރުސަތުގައި ދަންނަވައިފިން އަޅުގަނޑު އަޑުއެހިމޭ މަނިކުފާނު ވިދާޅުވި ކަމަށް ދޮން ފާތުމައަށް ގޮޅި ނުލިބެނީ އަޅުގަނޑާ އިދެގެން އުޅޭތީ ކަމަށް. އެހެން ކަމުގައިވާނަމަ އަޅުގަނޑު މިއައީ ދޮންފާތުމަ ވަރިކުރާށޭ. އޭރުން ޅަހުއްތުގެ އަންހެނުންނަށް ވެގެން ދޮންފާތުމައަށް ގޮޅި ނުލިބި ހުންނާކަށް ނުޖެހޭނެ ނޫންހޭ، އެހާހިސާބަށް ބުނިތަނާ އާދަމް މަނިކު ވިދާޅުވެއްޖެ ނޫނޭ ނޫނޭ ޔޯލަޔޯލައަށް ވަރިކޮށްގެން ނުވާނެއޭ،" އެދެމަފަފިރިން ވެސް ބޭނުން ވަނީ އަބަދުވެސް އެކުގައިި ގޮޅީގައި ތިބޭށެވެ.