19 Sep 2012, 12:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި ސިވިލް ސާވިސް ޓުރެއިނިން އިންސްޓިޓިއުޓާ ދެމެދު އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ.
ސިވިލް ސާވިސް ޓުރެއިނިން އިންސްޓިޓިއުޓް ގައި އިއްޔެ ބޭއްވި ހަފްލާއެއްގައި ސީއެމްޑިއޭގެ ފަރާތުން އެއެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ފާތުމަތު ޝަފީގާ އެވެ. އަދި ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ ސީއީއޯ އަބުދުލްﷲ ނާޒިމް އިބްރާހިމް އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ސީއެމްޑީއޭގެ ސީއީއޯ ފާތުމަތު ސަފީގާ ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ސީއެމްޑީއޭ އިން ހިންގާ ހޭލުންތެރިކަން އިތުރު ކުރުމާއި އަދި ފަންނީ ތަމްރީން ޕުރޮގުރާމްތަށް ޕްލޭންކޮށް ހިންގުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.
"ސީއެމްޑިއޭގެ ދެ ޓުރެއިނިން އިންޓިޓިއުޓް ކަމަށްވާ ކެޕިޓަލް މާކެޓް އެންޑް ކޯޕަރޭޓް ގަވަނަންސް އިންސްޓިޓިއުޓް އާއި އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓާސް އެންޑް ސެކްރެޓަރީޒް އަދި ސިވިލް ސާވިސް ކޮމިޝަނުން ހިންގާ އިންސްޓިޓިއުޓަކީ ދައުލަތުން ހަރަދުކޮށްގެން ހިންގާ ތަންތަނަށްވާތީ ދައުލަތުގެ މުއައްސަސާތައް ގުޅިގެން ހަރަދުކުޑަކުރެވޭނެ ނިޒާމެއްގެ ދަށުން މިކަން ކުރިއަށް ގެންދިއުމަކީ ރާއްޖޭގެ އިގްތިސާދަށް އޭގެ ފައިދާތަކެއް ކުރާނެ ކަމެއް" ޝަފީގާ ވިދާޅުވި އެވެ.