ދުވަސް ނުފުރާ ވިހާ، މަހެއް ނުވާ ކުދިންނަށް ޚާއްސަ ރާއްޖޭގެ ފުރަތަމަ ޑޮކްޓަރު މުޙައްމަދު ފައިސަލް ސަރުކާރުގެ ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ޚިދުމަތް ދެއްވަން ފައްޓަވައިފިއެވެ.

ޑޮކްޓަރެއްގެ ގޮތުގައި ފައިސަލް މަސައްކަތް ކުރައްވަމުން އަންނަތާ ވިހި އަހަރުވީއިރު، މި ދާއިރާއިން ޚާއްސަވާން އޭނާ ކިޔެވުމުގެ ފުރުސަތު ހޯއްދެވީ ސަރުކާރުގެ ފަރާތުން 2022 ވަނަ އަހަރު ހުޅުވައިލި ތަމްރީނު ފުރުސަތެއްގެ ތެރެއިންނެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި މަސައްކަތްކުރައްވަމުން ދަނިކޮށް ލިބުނު ފުރުސަތުގައި، ޖުމްލަ ދެ އަހަރު ސްރީލަންކާގައި ތަމްރީނުވުމަށް އޭނާ ހޭދަކުރެއްވިއެެވެ.

އެ ދާއިރާއިން ކިޔެވުމަށް ފަހު، ފައިސަލް އެންމެ ފުރަތަމަ ޚިދުމަތް ކުރެއްވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، މިހާރު އޭނާ ވަނީ ސަރުކާރުގެ ހޮސްޕިޓަލް އައިޖީއެމްއެޗުގައި ޚިދުމަތް ކުރައްވަން ފައްޓަވާފައެވެ.

އެ ކަން އެ ހޮސްޕިޓަލުން މިއަދު ވަނީ އިއުލާނު ވެސް ކޮށްފައެވެ.

"ސަން"އާ ވާހަކަދައްކަވަމުން، ފ. ނިލަންދޫއަށް އުފަން ފައިސަލް ކުރިން ވިދާޅުވީ އަލަށް އުފަންވާ ކުޑަކުދިންނަަށް ދޭ ސިއްހީ ޚިދުމަތަކީ ވަރަށް ކްރިޓިކަލް ޚިދުމަތެއް ކަމަށެވެ. އެއީ އެ ކުދީންގެ ހަށިގަނޑާއި އެތެރެ ހަށީގެ ގުނަވަންތައް އެއްކޮށް ފުރިހަމަ ނުވެ ހުންނާތީއެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއި، އައިވީއެފް ފަދަ ސިއްހީ އެކި ފަރުވާތަކާއެކު، ދުވަސްނުފުރާ ވިހާ ކުދިން އިތުރު ކަމަށާއި ކުރިއަށް އޮތް ތަނުގައި ވާނީ ވެސް އިތުރު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެހެންކަމުން އަލަށް އުފަންވާ ކުދީންނަށް ޚާއްސަ ފަރުވާ ލިބޭނެހެން ނިއޮނޭޓޮލޮޖީގެ ފަރުވާގެ ނިޒާމު ތަރައްގީކުރުމަކީ، ގައުމަށް ސިއްހީ ވިސްނުމެއްގެ އިތުރަށް އިގްތިޞާދީ ގޮތުން ވެސް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އުންމީދަކީ، މި ޚިދުމަތުގެ މުހިންމުކަން ދެނެގަނެ ރާއްޖޭގައި މި ޚިދުމަތް ފުޅާވުން ކަމަށެވެ.