ޖީއެމްއާރަށް އެއާޕޯޓް ދިން ގޮތްބެލުމަށް އޮޑިޓެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ސަން އޮންލައިންއަށް މިއަދު ވިދާޅުވީ ޕްރައިވެޓައިޒޭޝަންގެ ދަށުން ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ ޕައިލެޓް އޮޑިޓްތަކެއް ހެދުމަށް އެ އޮފީހުން މިހާރު ތައްޔާރުވަމުން އަންނަ ކަމަށާއި އޭގެތެރޭގައި އެއާޕޯޓް ޕްރައިވެޓައިޒޭޝަންގެ އޮޑިޓެއް ވެސް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

"ޕްރައިވެޓައިޒޭޝަންގައި ދައުލަތަށް އަބަދުވެސް އަންނަ ރިސްކް ބޮޑުވާނެ، އެހެންވީމަ ރަނގަޅު ގޮތުގައިތޯ އެންމެ މަންފާ ބޮޑުގޮތުގައިތޯ ޕްރައިވެޓައިޒްކޮށްފައި ހުރީ، މިއީ އޮޑިޓާ ޖެނެރަލްގެ މަސްއޫލިއްޔަތަކަށް ވާތީވެ، އެ ޑިސިޕްލިން މިކޮޅަށް ތައާރަފްކުރުމުގެ ގޮތުން ކުރެވޭ ކަމެއް މިއީ. މީހުން ބިނާކުރުމާއި ޕައިލެޓް އޮޑިޓްތަކެއް ކުރިއަށް ގެންދިޔުމަށް އެބަ މަސައްކަތް ކުރަން، އެގޮތުން މިހާރު އެންމެ ގަދަޔަށް ވާހަކަދެކެވޭ އެއް މައްސަލަ އެއީ، އެއާޕޯޓްގެ މައްސަލަ އެ މައްސަލަ ވެސް އޮޑިޓްގެ ތެރޭގައި ހިމެނުމަށް ނިންމާފައިވަނީ،" ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓްގެ މައްސަލައިގައި އޮޑިޓެއް ހެދުމަށް ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވެސް އެކި ފަހަރުމަތިން އެދިވަޑައިގަންނަވާފައިވާ ކަމަށާއި ނަމަވެސް އެ ކަމުގައި އަދި ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ.

"ނަމަވެސް އެ މަސައްކަތް ފެށުމުގެ މަސައްކަތް ބާރަށް ކުރިއަށް ދޭ،" ނިޔާޒު ވިދާޅުވި އެވެ.

އެއާޕޯޓް ޕްރައިވެޓައިޒޭޝަންއާ ގުޅުހުރި ތިން މައްސަލައެއް އޭސީސީން ވެސް އަންނަނީ ބަލަމުންނެވެ. އެ މައްސަލަތައް ވެސް އަވަސް ކޮށްދެއްވުމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެ އޮފީހުގައި ދަންނަވައިފަ އެވެ. އެ މައްސަލަތަކާ ގުޅޭ ގޮތުން އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ އެންމެ އިސްކަމެއް ދީގެން މިހާރު ބަލަމުން އަންނަނީ ޖީއެމްއާރުގެ މައްސަލަތައް ކަމަށާއި އޭގެ ތެރެއިން ދެ މައްސަލައަކަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ބަންޑާރަ ނައިބު އާޒިމާ މިދިޔަ ބުރާސްފަތި ދުވަހު ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އެ މައްސަލައިގައި އޭސީސީ އާއި އޮޑިޓް އޮފީހުން ވެސް ޖީއެމްއާރުގެ މައްސަލަތައް ބަލައި ނިންމުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކޮމިޝަންތަކުގެ ނިންމުންތަކަކީ ވެސް އެ މައްސަލައަށް މުހިންމު ނިންމުންތަކެއް ކަމަށެވެ.

ޖީއެމްއާރަށް އެއާޕޯޓް ދިން މައްސަލައިގައި ސަރުކާރުން ވެސް ވަނީ އެކަމާ ގުޅުންހުރި އެކޮނޮމިކް ރިވިއުއެއް އެކުލަވާލައިފަ އެވެ. ސަރުކާރުން ބުނެފައިވަނީ ޖީއެމްއާރުގެ އެގްރިމަންޓައިގެން ކުރިއަށް ދިޔުމަކީ ދައުލަތަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރާއި އިއްތިހާދުވެފައިވާ ޕާޓީތަކުންވެސް ވަނީ ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލުމަށް ހާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ.