ރާއްޖޭން މިލްކުވެރިކަމަށް ދައުވާކުރާ ޗާގޯސް ނުވަތަ ފޯޅަވަހީގެ ޖަޒީރާތައް މޮރިޝަސްގެ އަތުން ގަތުމުގެ ޕްލޭނެއް އެމެރިކާގެ ވައިޓް ހައުސްއިން އެކުލަވާލަމުންދާ ކަމަށް ރޮއިޓާޒްއިން ރިޕޯޓުކޮށްފިއެވެ.

ޓެލެގްރާފް ނޫހާ ހަވާލާދީރޮއިޓާޒްއިންބުނެފައިވާ ގޮތުގައި، އެމެރިކާގެ އޮފިޝަލުން މިހާރު ދަނީ އިނގިރޭސިވިލާތް ބައިވެރިނުކޮށް، ސީދާ މޮރިޝަސްއާއެކު އެއްބަސްވުމެއް ގާއިމުކޮށް ޑިއޭގޯ ގާސިއާގެ ކޮންޓްރޯލް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

މި ޕްލޭނަކީ އިނގިރޭސި ބޮޑުވަޒީރު ކައިރް ސްޓާމާ، ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ދޫކޮށްލަން ނިންމާފައިވާ ނިންމުމަށް ބަދަލެއް ހޯދުމުގެ ގޮތުން އެމެރިކާގެ ވައިޓް ހައުސްއިން ރާވަމުންދާ ގިނަ ގޮތްތަކުގެ ތެރެއިން އެއް ގޮތް ކަމަށް ރޮއިޓާޒްގައިވެއެވެ.

އެމެރިކާގެ އޮފިޝަލަކު ރޮއިޓާޒްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިނގިރޭސިވިލާތުން ޗާގޯސް ޖަޒީރާތައް ދޫކޮށްލައިގެން ނުވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަބަދުވެސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީގެ ތެރޭގައި އެމެރިކާއާއި އިނގިރޭސިވިލާތް ގުޅިގެން ބޭނުންކުރާ ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު ހިމެނެއެވެ. ޓްރަމްޕް ވަނީ މޮރިޝަސްއަށް އެ ރަށްތައް ދިނުމަކީ ހެދޭ "ބޮޑު ގޯހެއް" ކަމަށް މިދިޔަ ފެބުރުވަރީ މަހު ސިފަކުރައްވާފައެވެ.

އޮފިޝަލް އިތުރަށް ވިދާޅުވިކަމަށް ރޮއިޓާޒްއިން ރިޕޯޓުކުރި ގޮތުގައި، އިންޑިއާ ކަނޑުގައި އޮންނަ ޑިއޭގޯ ގާސިއާއަކީ އެމެރިކާގެ ގައުމީ ސަލާމަތަށް މުހިންމު އަދި ކޮންމެހެން ބޭނުންތެރި އަސްކަރީ މަރުކަޒެކެވެ.

އެމެރިކާއިން މިހާރުވެސް ދަނީ އެ މަރުކަޒުގެ ސަލާމަތްތެރިކަން ދެމެހެއްޓުމަށް ޓަކައި އިނގިރޭސިވިލާތާއެކު މަޝްވަރާ ކުރަމުން ކަމަށް ރޮއިޓާޒްއިން ބުނެއެވެ.

މިކަމާ ގުޅޭގޮތުން އިނގިރޭސި ސަރުކާރުގެ ތަރުޖަމާނަކު ރޮއިޓާޒްއަށް ވިދާޅުވީ، ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒުގެ މައްޗަށް އޮތް އިނގިރޭސިވިލާތުގެ ކޮންޓްރޯލަށް ނުރައްކާވެފައިވާތީ، ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް ޓަކައި ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށެވެ.

އަދި އެމެރިކާގެ "ދުޝްމަނުންނަށް" އެފަދަ މުހިންމު ސަރަހައްދެއްގެ ކޮންޓްރޯލް ލިބުނަ ނުދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑިއޭގޯ ގާސިއާއަކީ ވޭތުވެދިޔަ 60 އަހަރު ދުވަހު އެމެރިކާއާއި އިނގިރޭސިވިލާތުގެ ގުޅިފައިވާ ސަލާމަތީ މަސައްކަތްތަކުގައި ބޭނުންކުރަމުން އަންނަ މުހިންމު ސްޓްރެޓީޖިކް ތަނެކެވެ.

މޮރިޝަސްއާއެކު ވެވޭ އެއްބަސްވުމުގެ އަސާސަކީ ވެސް ދިގު މުއްދަތަކަށް އެ މަރުކަޒުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް އިނގިރޭސި ސަރުކާރުން ބުނެއެވެ.

އެމެރިކާއިން ފޯޅަވަހި ގަތުމަށް ވިސްނަމުން އަންނަަކަމުގެ އަޑުތަކެއް އިވެން ފަށައިފައިވާއިރު، މިއީ ރާއްޖޭން މިލްކުވެރިކަމަށް ވަކާލާތުކުރާ ތަނެކެވެ. މި މައްސަލައިގައި މޮރިޝަސްއިން ރާއްޖެއާ ގުޅުން ވެސް ކަނޑައިލައިފައިވާއިރު، ފޯޅަވަހި ހޯދަން ކުރާ މަސައްކަތުގައި މި ސަރުކާރަށް ކުރިއެރުމެއް ލިބުނު ތަން އަދި ފެނިފައެއް ނުވެއެވެ. އަދި ކުރިއެރުމެއް ލިބުނުކަން ހާމަކޮށްފައެއް ވެސް ނުވެއެވެ.