ރާއްޖޭގައި އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީބާރު، ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ ދައުލަތުގެ އިދާރާއަކުން ހިންގާ ޕްރޮޖެކްޓެއް ހުއްޓާލަން އެންގުމުގެ ބާރު އޭސީސީއަށް ލިބިގެން ނުވާކަމަށެވެ. މިމަހުގެ ކުރީ ކޮޅު ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކޮށްފައި ވަނިކޮށް އޭގެ ދެހަފްތާ ފަހުން ހައިކޯޓުން ކުރި ހުކުމްގައި ބުނަނީ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލުމަށް އެންގުމުގެ ބާރު އޭސީސީއަށް ލިބިގެންވާ ކަމަށެވެ.

ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބުނަނީ މަތީ މަރުހަލާގެ ކޯޓަކުން އަންގާ އެންގުމަކަށް އެއަށް ވުރެ ދަށު މަރުހަލާގެ ކޯޓަކުން ތަބާވާން ވާނެ ކަމަށެވެ. ގާނޫނު އަސާސީގައި އެގޮތަށް ބުނެފައިވާއިރު ދައުލަތުގެ އިދާރާއަކުން ކުރާ އެއްވެސް މަސައްކަތެއް ހުއްޓާލަން އެންގުމުގެ ބާރު އޭސީސީއަށް ލިބިގެން ނުވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް، އެފަދަ ކަމެއް ހުއްޓުވުމަށް އެންގުމުގެ ބާރު ގާނޫނީގޮތުން އޭސީސީއަށް ލިބިގެންވާކަމަށް ހައިކޯޓުން ހުކުމް ކުރުމުން އެކަމާ މެދު ގިނަ ބަޔެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފަ އެވެ.

އޭސީސީގެ ބާރުތަކާއި މަސްއޫލިއްޔަތު ބަޔާން ކުރާ މާއްދާތައް ކަމުގައިވާ އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އަދި ގާނޫނު އަސާސީގެ 202 ވަނަ މާއްދާއަށް ރިއާާޔަތް ކުރާއިރު އޭސީސީއަށް އެފަދަ އެންގުމެއް އެންގިދާނެ ކަމަށް ނުބެލެވޭ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް ހައިކޯޓުގެ ހުކުމްގައި ބަޔާންކޮށްފައި ވަނީ ސުޕްރީމް ކޯޓުން އެފަދައިން ނިންމި ކަމުގައި ވީނަމަވެސް ގާނޫނު އަސާސީގެ 199 ވަނަ މާއްދާ އާއި އެންޓިކޮރަޕްޝަން ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ތިން ވަނަ ނަންބަރުގެ ދަށުން އެފަދަ އެންގުމެއް އެންގުމުގެ ބާރު އޭސީސީއަށް ލިބިގެންވާ ކަމަށެވެ.

މަދަނީ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލަކު ވިދާޅުވިގޮތުގައި ގާނޫނު އަސާސީގެ 202 ވަނަ މާއްދާ އާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާ އާއި 22 ވަނަ މާއްދާގައި ބަޔާންކޮށްފައި ހުރި ކަންތައްތަކަށް ބަލާއިރުގައި އެންޓިކޮރަޕްޝަން ކޮމިޝަނަށް އެފަދަ އެންގުމެއް ނޭންގޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނިކޮށް ކަމާއި ނުގުޅޭ އެހެން މާއްދާތަކަށް ރިއާޔަތްކޮށް ހައިކޯޓަށް އެފަދައިން ހުކުމް ނުކުރެއްވޭނެ ކަމަށެވެ.

"އެންޓިކޮރަޕްޝަން ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައަޅާ ބަޔާންކުރާ މާއްދާތަކަކީ ގާނޫނު އަސާސީގެ 202 ވަނަ މާއްދާ އާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާ އާއި 22 ވަނަ މާއްދާތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ހުރި ކަންތައްތަކަށް ބަލާއިރުގައި އެންޓިކޮރަޕްޝަން ކޮމިޝަނަށް އެފަދަ އެންގުމެއް ނޭންގޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮއްވާ އެކަމާ ނުގުޅޭ އެހެން މާއްދާއަކަށް ރިއާޔަތްކޮށް ހައިކޯޓަށް އެފަދަ އެންގުމެއް އެންގިދާނެ ކަމަށް އަޅުގަނޑެއް ނުދެކެން،" އެ ގާނޫނީ ވަކީލު ވިދާޅުވި އެވެ.

ގާނޫނީ ވަކީލު އަހުމަދު ޒަނީން އާދަމް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ކޮށްފައި އެވަނީ އެންމެ ފުރިހަމަ ހުކުމެވެ. އަދި އެންމެ މަތީ ކޯޓުތަކުން އަންގާ އެންގުމަށް "އެއްބާވަތުގެ މައްސަލަތަކުގައި" އެއަށް ވުރެ ދަށު ކޯޓުތަކުން ތަބާވާންޖެހޭތީ ދެން ޖެހޭނީ ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރަން ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ. އޭނާ ވިދާޅުވިގޮތުގައި ހައިކޯޓުން އެގޮތަށް ހުކުމްކޮށްފައި ވަނީ މަތީ ކޯޓުގެ ނިންމުމާ ޚިލާފަށް ކަމަށް ވިޔަސް އެ ކޯޓުން އެގޮތަށް ހުކުމް ކުރީ ކޮން މަގުސަދެއްގައި ކަމެއް ބެލޭނެ ގޮތެއް ނެތެވެ.

"އެންމެ މަތީ ކޯޓުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް އެބާވަތުގެ މައްސަލަތަކުގައި އެއަށްވުރެ ދަށު ކޯޓުތަކުން އަމަލު ކުރަންޖެހޭނެ. ދެން ސުޕްރީމް ކޯޓުން ޖެހޭނީ އެ ހުކުމް ބާތިލް ކުރަން. ހައިކޯޓަށް އެނގޭނީ އެ ކޯޓުން އެގޮތަށް ހުކުމް ކުރި މަގުސަދެއް،" ޒަނީން ވިދާޅުވި އެވެ.

ގާނޫނީ ވަކީލު މުހައްމަދު ފަރީދު ވިދާޅުވި ގޮތުގައި ހައިކޯޓުގެ ހުކުމަކީ ވަރަށް ތަފްސީލުކޮށް އެ މައްސަލައިގެ މައުޟޫއަށް ދުސްތޫރީގޮތުން ބަލައި ދިރާސާ ކުރެވިފައިވާ ހުކުމެކެވެ. އަދި އެހުކުމަކީ ވަރަށް ރަނގަޅަށް ދިރާސާކޮށް ގާނޫނީ ބިނާތައް ވަރަށް ރަނގަޅަށް އެޕްލައިކުރެވިފައިވާ ހުކުމެކެވެ.

އެގޮތަށް ހައިކޯޓުގެ ހުކުމް ބިނާވެފައި އޮތަސް އެ ހުކުމުގައި ވެސް މައްސަލައެއް ހުރި ކަމަށް ފަރީދު ވިދާޅުވެއެވެ. އެއީ ހައިކޯޓުގެ ހުކުމް އެގޮތަށް ބިނާކުރި ސަބަބުތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ގަޒިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ ތިންވަނަ ނުކުތާގައި "ބުނެވުނު އިދާރީ އެންގުން އަންގާފައި [ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލަން އަންގާފައި] ވަނީ" ގާނޫނު އަސާސީގެ 202 ވަނަ މާއްދާ އާއި އޭސީސީގެ ގާނޫނުގެ 21 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ ގެ ދަށުން އޭސީސީއަށް ލިބޭ ބާރުގެ ދަށުން ކަމަށް ބަޔާން ކޮށްފައިވާއިރު އެ ނުކުތާއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާހަގަކުރެވުނު ނުކުތާއެއްގެ ގޮތުގައި ހައިކޯޓުން ބަލައިގެންފައިވާ ކަންކަމަށް ފަރީދު ވިދާޅުވެއެވެ.

އޭނާ ވިދާޅުވިގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައި އޮންނަ އިބާރާތަކީ އިދާރީ އެންގުން އަންގާފައި (ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލަން އަންގާފައި) ވަނީ ގާނޫނު އަސާސީގެ 202 ވަނަ މާއްދާ އާ އޭސީސީ ގާނޫނުގެ 21 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އިން ލިބޭ ބާރުގެ ދަށުންކަމަށް އެ އޭސީސީން ފާހަކަ ކުރި ނުކުތާގައި ބުނެފައިވާ ކަމެއްކަމަށެވެ. އަދި އެއީ ސުޕްރީމް ކޯޓަށް ފާހަގަކުރެވުނު ނުކުތާއެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

"އެކަމަކު ހައިކޯޓުގެ ހުކުމްގައި މިވާހަކަ ލިޔެފަ ފާހަގަކޮށްފަ އޮންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާހަގަކުރެވުނު ނުކުތާތަކުގައި ފާހަގަކޮށްފަވާގޮތުގައި އެ އިދާރީ އެންގުން އަންގާފައި [ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލަން އަންގާފައި] ވަނީ ގާނޫނު އަސާސީގެ 202 ވަނަ މާއްދާ އާ އޭސީސީ ގާނޫނުގެ 21 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އިން ލިބޭ ބާރުގެ ދަށުންކަމަށް. އެއީ ގޯހެއް. ފަނޑިޔާރުންނަށް އެކަން ފާހަގަކުރެވުނީ ކީއެއްނޫން. ފަނޑިޔާރުންނަށް ފާހަގަ ކުރެވުނީ އެޕީލް މަރުހަލާގަ އޭސީސީން އެ ނުކުތާ ފާހަގަކޮށްފަ ވެޔޭ. އެއްގޮތަކަށް ވެސް ފަނޑިޔާރުންނަށް އޭގައި ހުރި ގާނޫނީ ބުރަދަން ފާހަގަކުރެވުނީކީ ނޫން. އެހެންވީމަ ހައިކޯޓުގެ ހުކުމް ބިނާވެގެން ދިޔަ އެއްނުކުތާގަ ވަރަށް ބޮޑު މިސްޓޭކެއް އެއޮތީ. އޭގެ މައްޗަށް ބިނާކޮށް ހުކުމުގައި ދެން ހުރި ނުކުތާތައް ފާހަގަ ކުރެވިގެން އައީ. އެއީ ވަރަށް ބޮޑު މައްސަލައެއްކަމަށް އަޅުގަނޑު ފާހަގަކުރަން،" ފަރީދު ވިދާޅުވި އެވެ.

ފަރީދު ވިދާޅުވި ގޮތުގައި ހައިކޯޓުން ބަލައި ނިންމި މައްސަލައިގެ މައުޟޫއާ ބެހޭގޮތުން ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ގޮތެއް ކަނޑައަޅާފައެވެ. އެގޮތުން ހައިކޯޓުން ބަލަމުންދާ އެ މައްސަލައިގެ މައުޟޫއީ ހައްގު ހިމާޔަތްކުރާނެ ގާނޫނީ އެއްވެސް ބިނާއެއް ނެތްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަމަށް އޭނާ ވިދާޅުވެއެވެ. އަދި ސުޕްރީމްކޯޓުން އެހެން ކަނޑައަޅާފަ އޮއްވައި ހައިކޯޓުން އަމިއްލައަށް އެކޯޓުން ބަލަމުންދާ މައްސަލައިގެ ގާނޫނީ ބިނާއެއް ދައްކާނީ ކިހިނެތްކަމަށް ވިދާޅުވެ ފަރީދު ވަނީ ސުވާލުއުފައްދާފަ އެވެ.

"ސުޕްރީމް ކޯޓުން އެހެން ކަނޑައަޅާފަ އޮއްވާ ކިހިނެތްތޯ ހަމަ ހައިކޯޓުން އެ ކޯޓުން ބަލަމުންދާ މައްސަލައިގެ މައުޟޫއީ ހައްގު ހިމާޔަތްކުރާނެ ގާނޫނީ ބިނާއެއް ދައްކާނީ،" ފަރީދު ވިދާޅުވި އެވެ.

ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވިގޮތުގައި ސުޕްރީމް ކޯޓުން ނިންމާ ހުރިހާ ކަންތައްތަކަކީ ދަށު ކޯޓުން ފޮލޯ ކުރަންޖެހޭނެ ކަންތައްތަކެއް ނޫނެވެ. ހުކުމަށް އައުމަށްޓަކައި ސުޕްރީމް ކޯޓުން ދީފައިވާ މިސާލުތަކާއި މައްސަލައާ ނުގުޅޭ ކަންތައްތައް ދަށު ކޯޓުން ކޮންމެހެން ފޮލޯ ކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވެއެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި ސުޕްރީމް ކޯޓުން ނިންމާ ހުރިހާ ކަންތައްތަކަކީ ދަށު ކޯޓުން ފޮލޯ ކުރަންޖެހޭ ކަންތައްތަކެއް ނޫން. އޮވެދާނެތާ ހުކުމަށް އައުމަށްޓަކައި ކޯޓުން ދިން މިސާލުތަކާއި މާދުރުދުރުން އަންނަ އެހެން ކަންތައްތަކާއި މައްސަލައާ ނުގުޅޭ ކަންތައްތައް. އެހެން އަންނަ ކަންތައްތަކަށް ދަށުކޯޓުން ކޮންމެހެން ފޮލޯ ކުރާކަށް ނުޖެހޭނެ. ހައިކޯޓުން ނިންމާފައި އޮތް ނިންމުމަކީ އެއީ ރަނގަޅު ނިންމުމެއް ހަގީގަތުގަ،" އަލީ ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމްކޯޓުން ބަލާފައި އޮތީ އެ މައްސަލައިގައި އެ ކޯޓަށް ހުށަހެޅުނު ބައެއް ނޫނެވެ. ސުޕްރީމް ކޯޓަށް ހުށަހެޅުނީ ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރު ނެރެފައިވަނީ ރަނގަޅަށް ތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ކަމަށްވާއިރު އެ މައްސަލަ މައުޟޫއީ ގޮތުން ބަލައި އޭސީސީއަށް ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް އެ ހުކުމުގައި އެ ކޯޓުން ބަލާފައިވެއެވެ. އެއީ އެ ކޯޓުން ބަލަންޖެހޭ ކަންތައްތަކެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވެއެއެވެ.

"މީގަ އަނެއްކާ ބަލަންޖެހޭ ސުޕްރީމް ކޯޓަށް ހުށަހެޅުނު ބައެއް ނޫން ނިންމާފަ އޮތީ. ހަގީގަތުގަ ހުށަހެޅުނު މައްސަލައަކީ ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރު ނެރެފައި ވަނީ ރަނގަޅަށް ތޯ ނުވަތަ ނޫންތޯ އެހެންވީމަ ސުޕްރީމް ކޯޓަކުން ނުޖެހޭ މައުޟޫއީގޮތުން މައްސަލަބަލާ އޭސީސީގެ ބާރުތަކާއި އޭސީސީއަށް ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް ބަލާކަށް ނުޖެހޭ،" އަލީ ހުސެއިން ވިދާޅުވި އެވެ.

ބޯޑާ ކޮންޓްރޯލް މައްސަލައިގައި އޭސީސީގެ ފަރާތުން ކުރިން ވަކާލާތު ކުރެއްވި ވަކީލު އަލީ އާޒިމް ވިދާޅުވިގޮތުގައި ހައިކޯޓުގެ ހުކުމުން އޭސީސީއަށް ބާރުތަކެއް ލިބިގެންވާކަމަށް ކަނޑައެޅިގެން ދިޔަނަމަވެސް އޭސީސީން ކަމެއް ހުއްޓުވާކަމަށްވާނަމަ އަމަލުކުރަންޖެހޭ އިޖުރާއަތުތައް ސުޕްރީމް ކޯޓުގެ ހުކުމްގައި ބަޔާންކޮށްފައި ވެއެވެ. އެހެންކަމުން ކަމެއް ހުއްޓުވާކަމަށްވާނަމަ އޭސީސީން އަމަލު ކުރަންޖެހޭނީ ސުޕްރީމް ކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވާ ޕްރޮސީޖާގެ ދަށުން ކަމަށް ވެސް އާޒިމް ވިދާޅުވެއެވެ.

"ހައިކޯޓުގެ ހުކުމުން އޭސީސީއަށް ބާރުލިބިގެންވާކަމަށް ކަނޑައެޅިގެން ދިޔަޔަސް އޭސީސީން ކަމެއް ހުއްޓުވާކަމަށް ވާނަމަ އަމަލު ކުރަންޖެހޭ އިޖުރާއަތު ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ބަޔާންކޮށްފައި. އެނޫންގޮތަށް އޭސީސީއަކަށް އެކަން ނުކުރެވޭނެ. ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ޕްރޮސީޖާގެ ދަށުން އޭސީސީއަށް އަމަލު ކުރެވޭނެ،" އާޒިމް ވިދާޅުވި އެވެ.