ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ފަހަތުން އަރައި މެންޗެސްޓާ ސިޓީ އަތުން 3-2 އިން މޮޅުވި މެޗަށް ފަހު ރެއާލް މެޑްރިޑަށް ދިރުން ލިބިއްޖެ ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔާ އެޑިމް ޒެކޯ އެވެ. މި ލަނޑަށް ފަހު މާގިނަ އިރުތަކެއް ނުވަނީސް މާސެލޯ ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ސިޓީ އަށް ދެ ވަނަ ފަހަރަށް ލީޑް ނަގައިދިނީ ކަލަރޯވް އެވެ. ނަމަވެސް އޭނާގެ ލަނޑަށް މިނިޓެއް ވީ ފަހުން ކަރީމް ބެންޒެމާ އަނެއްކާ ވެސް ނަތީޖާ ހަމަހަމަކުރި އެވެ. ރެއާލް މޮޅުވި ލަނޑު ފަހު މިނިޓްގައި ޖެހީ ޓީމާމެދު ހިތްހަމަނުޖެހިފައި ހުރި ކަމަށް އަމިއްލަ އަށް ބުނާ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މެޗަށް ފަހު މޮރީނިއޯ ބުނީ ރެއާލް މެޑްރިޑް ބަލިވާންވީ ސިޓީ ކަހަލަ ވަރުގަދަ ޓީމުތައް އަތުން ކަމަށެވެ.

"ރެއާލް މެޑްރިޑް ވެސް ބަލިވާނެ. މޮރީނިއޯ ވެސް ބަލިވާނެ. އަހަރެންގެ ކުޅުންތެރިން ވެސް ބަލިވާނެ. އަހަރުމެން ބަލިވާންވީ މިކަހަލަ މެޗުތަކުން. އެއިރުން އަހަރެން ވެސް ހިތްހަމަޖެހޭނެ. އެކަަމަކު (ސްޕޭނުގެ) ޖެޓަފޭ އާއި ސެވިއްޔާއަތުން ބަލިވެގެންނުވާނެ. އަހަރެން ހިތްހަމަ ޖެހެނީ މި ތިން ޕޮއިންޓާމެދު އެކަންޏެއްނޫން. މިއީ އަހަރެންގެ ޓީމުގެ ޑީއެންއޭ އެނބުރިއައުން،" މޮރީނިއޯ ބުންޏެވެ.

އޭނާ އަދި ބުނީ ކުޑަ ޓީމެއްގެ ކޯޗަކަށް ހުރެ ގިނައިން ބަލިވާނަމަ އޭނާ އަށް އެކަން ގަބޫލުކުރެވޭނެ ކަަމަށާއި ނަަމަވެސް ރެއާލް މެޑްރިޑުގެ ކޯޗަކަށް ހުރެ ގިނަގިނައިން ބަލިވުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން ކަމަށެވެ.

ރެއާލް މެޑްރިޑުގެ ތަރިންނަށް ވެވިދާނެކަން އޭނާގެ ކުޅުންތެރިން ސިޓީއާ ދެކޮޅަށް ސާބިތުކޮށްދިނަ ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.

"މިއީ ވަރަށް މުހިންމު މޮޅެއް. ބޮޑު ޓީމެއްގެ އަތުން ބޮޑު މޮޅެއް މި ހޯދުނީ. މީގެ ސަބަބުން ޓީމަށް ދިރުން ލިބިއްޖެ. މިދިޔަ ސީޒަން ފަދައިން އަހަރެންގެ ކުޅުންތެރިން އެމީހުންގެ ފެންވަރު ސާބިތުކޮށްދޭނެ ފަށައިފި. ކުޅުންތެރިން ރެއާލްގެ ތާރީހަށް އިހްތިރާމްކުރާކަން މި މެޗުން އެނގިއްޖެ. އެއީ ސިޓީ އާއި ބާސެލޯނާއާ ދެކޮޅަށް އެކަނި ކުރަންޖެހޭ ކަމެއްނޫން. ހުރިހާ މެޗެއްގައި ވެސް ކުރަން ޖެހޭ ކަމެއް. އެކަން ކުޅުންތެރިން މިރޭ ކޮށްފި،" މޮރީނިއޯ ބުންޏެވެ.

މިދިޔަ އަހަރު ސްޕޭނުގެ ލީގު ކާމިޔާބު ކުރި މެޑްރިޑް މިފަހަރު ހަތަރު މެޗު ކުޅުނު އިރު އަމިއްލަ ލީގުގައި އޮތީ އެންމެ ހަތަރު ޕޮއިންޓާއެކުގަ އެވެ. މިއީ އެއްވަނާގައި އޮތް ވާދަވެރި ބާސެލޯނާ އަށްވުރެ އަށް ޕޮއިންޓް މަދު އަދަދެކެވެ.