09 Mar 2010, 15:20
19:00
ސަރުކާރުގެ އިޢްލާނުތަކާއި، ދެންނެވުންތަކާއި، ނޫސްބަޔާންތައް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރަމުން ގެންދާއިރު، ދިމާވާ އެކިމައްސަލަތައް ހައްލު ކުރުމާ ބެހޭގޮތުން ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ބާއްވާ މަޝްވަރާ ބައްދަލުވުންތަކެއް ރައީސް އޮފީހުން މިއަދު ފަށައިފި އެވެ.
މިބައްދަލުވުންތައް ފަށްޓަވައިދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ދެއްކެވި ވާހަކައިގައި، ރައީސް އޮފީހުން ގެޒެޓް ނެރުއްވަމުން ގެންދަވާތާ އެއްއަހަރުވެފައި ވުމާއެކު، ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި، ކުރެވިފައިވާ ތަޖްރިބާތަކާއި، ކުރިމަތިވި އެކިދަތިތަކާ ބެހޭގޮތުން ވާހަކަ ދައްކައި މަޝްވަރާ ކޮށްލުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ، މިފަދަ ބައްދަލުވުންތަކެއް ފެށްޓެވީ ކަމަށް ވިދާޅުވި އެވެ. އަދި ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި، އޮފީސްތަކުން ވެދެއްވާފައިވާ އެއްބާރުލެއްވުން ޕްރެސް ސެކްރެޓަރީ ފާހަގަކުރެއްވި އެވެ.
މިބައްދަލުވުމުގައި އަންޑަރ ސެކްރެޓަރީ ޙުސައިން ޢާމިރު ދެއްކެވި ވާހަކައިގައި، އެކިއެކި އިޢްލާނުތަކާއި ދެންނެވުންތައް ގެޒެޓަށް ފޮނުއްވާއިރު، މިހާރަށްވުރެ ބޮޑަށް އޮފީސްތަކުން ސަމާލުކަން ދެއްވަންވީ ކަންތައްތަކުގެ މައްޗަށް ބައްލަވާލެއްވި އެވެ. އެގޮތުން ވަޒީފާއަށް އެދި ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްނެތި ވަޒީފާއަށް އިޢްލާނު ކުރައްވާފައި ހުރުމާއި، އެކަށީގެންވާ މުއްދަތެއްނެތި އަންދާސީ ހިސާބު ހުށަހެޅުމަށް އިޢްލާނު ކޮށްފައި ހުރުމާއި، އިޢްލާނުގައި އެކަށީގެންވާ މަޢްލޫމާތު ނުހުންނަކަން ފާހަގަކުރެވިފައިވާ ކަމުގައި ވިދާޅުވި އެވެ. އަދި މިކަމުގެ ޝަކުވާ އެއޮފީހަށް ވެސް ލިބެމުންދާ ކަމަށާއި، މިފަދަ ކަމަކީ ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންތައްތަކަށް ވުމާއެކު، މިކަންކަމަށް އޮފީސްތަކުން ވަރަށްބޮޑު ސަމާލުކަމެއް ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
މިބައްދަލުވުންތަކަކީ ވަކި ތާވަލެއްގެ ދަށުން ސަރުކާރުގެ ހުރިހާ އޮފީސްތަކާއި، މިނިވަން މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ ކަމާބެހޭ މުވައްޒަފުން ބައިވެރިކޮށްގެން ބާއްވާ ބައްދަލުވުންތަކެކެވެ.