19 Sep 2012, 10:23
ހަތަރު މީހުނާއެކު ގއ. ވިލިނގިލިން ފުރައިގެން ލ. އަތޮޅަށް ދަތުރުކުރި "ރަންކުރި" ދޯނި ގެއްލުމުން އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދާތާ 42 ގަޑިއިރުވީއިރު ވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އަބްދުﷲ އަލީ މިއަދު ވިދާޅުވީ މުދާ އުފުލާ އެ ދޯނީ ހޯމަ ދުވަހު 16:30 ހާއިރު އިންޖީނު ހުއްޓި ދޯނި ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ދޯނީގެ ވެރިފަރާތުން ދިން ކަމަށާއި އަދި އެ ދޯނި ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރިއަށް ގެންގޮސް ބޮޑު ބައެއް ބަލަމުން ގެންދިޔަ ނަމަވެސް އަދި އެދޯންޔާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
މިހާތަނަށް ގއ. ކޫއްޑޫން ފެށިގެން އިރަށް 50 މޭލު އަދި ކޫއްޑޫގެ އުތުރަށް 40 މޭލަށްވުރެ ބޮޑު ބައެއް ކަނޑުގެ މަގުންނާއި ވައިގެ މަގުން ބެލިފައިވާ ކަމަށެވެ.
ގެއްލިގެން ހޯދަމުންދާ ގއ. ވިލިނގިލީ ދޯނީގައި އެވަގުތު ދެ ދިވެހިންނާއި ދެ ބިދޭސީން ތިބިއިރު ގެއްލުނު ދޯންޏަކީ ދިގުމިނުގައި 95 ފޫޓް ހުންނަ މަޑުފެހި ކުލައިގެ ދަވާދު އަދި ދިރުނބާކޮޅުގައި ހުދުކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެކެވެ.