ދިރާގު ދިވެހި ލީގުގައި ރޭ ޗެމްޕިއަން ވީބީ 4-2 އިން ބަލިކޮށް މާޒިޔާ ޓޭބަލުގެ ދެ ވަނަ އަށް ޖެހިލައިފި އިރު ލިބޭ ގިނަ ފުރުސަތުތައް ގޯލަކަށް ބަދަލުކޮށްނުލެވޭތީވެ މާޒިޔާގެ ކޯޗު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރޭގެ މެޗުގައި މާޒިޔާ އަށް ލަނޑުތައް ޖަހައިދިނީ މިޑްފީލްޑަރު އަހުމަދު މުހައްމަދު (އައްމަޑޭ) އާއި އެ ޓީމުގެ ފަހު ލަނޑު ޖެހި ހުސައިން ނިޔާޒު މުހައްމަދު (ބޮކުރީ) އާއި ދެ ލަނޑު ޖެހި އަސަދުﷲ އަބުދުﷲ އެވެ. ވީބީ އަށް ލަނޑު ޖަހައިދިނީ ކެޕްޓަން އަސްއަދު އަލީ (އަޑުބަރޭ) އާއި އަބޫ ޑެސްމަންޑް މަންސާރީ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ބުނީ ނިންމާލުން ރަނގަޅު ކުރަންޖެހޭ ކަމަށާއި ނަމަވެސް މެޗުން މޮޅުވެވުމުން ހިތްހަމަޖެހޭ ކަމަށެވެ.

ވީބީގެ ޖޭން ވަންލީ ބުނީ އޭނާގެ ޓީމުގެ ޑިފެންސްލައިން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އަދި މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ޓީމުގެ އަމާޒަކީ ގަދަ ހަތަރު ޓީމުގެ ތެރެއިން ޖާގަ ހޯދުން ކަމަށެވެ.

ލީގުގެ ފަހު ބުރުގައި ވާދަ ކުރާ ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ހަތަރު މެޗެވެ. މި ވަގުތު 36 ޕޮއިންޓާއެކު ނިއު އެއްވަނާގައި އޮތްއިރު މާޒިޔާ ދެ ވަނާގައި އޮތީ 29 ޕޮއިންޓާއެކުގަ އެވެ. ވިކްޓަރީ އަށް 28 ޕޮއިންޓް ލިބިފައިވާއިރު ވީބީ އަށް ހޯދިފައިވަނީ 21 ޕޮއިންޓެެވެ. ގަދަ ހަތަރަކަށް ވީބީއާ އެންމެ ބޮޑަށް ވާދަކުރަމުންދަނީ 18 ޕޮއިންޓާއެކު ފަސްވަނާގައި އޮތް އީގަލްސް އެވެ. ގަދަ ހަ ޓީމުގެ ތެރެއިން އޭވައިއެލް އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.