އިއްޔެގެ ބައި-އިލެކްޝަނުން އެމްޑީޕީއަށް ހޯދުނު ކާމިޔާބަކީ 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ފަށަންވީ ހިސާބު ކަމަށް، ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރު ޢަބްދުالله ޞާދިޤް (ސޯބެ) ރޭ ވިދާޅުވެއްޖެއެވެ.

ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވި އައްޑޫގެ ކުރީގެ މޭޔަރު ސޯބެ އިންތިޚާބު ކާމިޔާބުކުރެއްވީ 1،375 ވޯޓު ހޯއްދަވައިގެންނެވެ. ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ސޯބެއާ ވާދަކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އަށް ލިބުނީ 1،313 ވޯޓެވެ.

'ފޭސްބުކް'އަށް ދޫކުރެއްވި ވީޑިއޯއެއްގައި ސޯބެ ވިދާޅުވީ، ބައި-އިލެކްޝަން ކާމިޔާބުވީ ދާއިރާގެ ކެމްޕެއިން ޓީމާއި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުންނާއި ދާއިރާގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

"އަދަ މި ލިބެން ނަތީޖާއަކީ އަފިރިން ކުރިއަށް މި އޮތް އިންތިޚާބު، 2028ގެ އިންތިޚާބަށް މަސައްކަތްކެރާއް ފަށްޓަގަންނަ ވޭ ހިސާބު، އަދަ މި ލިބެނި ނަތީޖާއި އެއްކޮށް އަފިރިން އެ މަސައްކަތް ފަށާންޖެހޭ،" ސޯބެ ވިދާޅުވިއެވެ.

ދެހާސް އަށާވީސް ވަނަ އަހަރު އެމްޑީޕީއަށް ކާމިޔާބުވާނީ ދާއިރާގެ ހުރިހާ އެންމެން ރާއްޖޭގެ ކުރިމަގަށްޓަކައި އެކަތިގަނޑެއްގެ ގޮތުގައި އޮވެ މަސައްކަތްކުރުމުން ކަމަށް ވެސް، ސޯބެ ވިދާޅުވިއެވެ.

ސޯބެ މި އިންތިޚާބު ކާމިޔާބުކުރެއްވި ކަމަށް ނަތީޖާ ދައްކާއިރު، އިދިކޮޅު ޕީއެންސީން ވަނީ، ސޯބެ އިންތިޚާބުވީ ކުޑަ ތަފާތަކުން ކަމަށް ބުނެ، މިއީ ސަރުކާރަށް ލިބުނު ކާމިޔާބެއް ގޮތަށް ސިފަކޮށްފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ) އާއި އިތުރު ބަޔަކު އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލް މަހުގެ 12ވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ.

ފާހަގަކުރެވޭ ގޮތުގައި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނާ ސަރުކާރުން ކުރިމަތިލީ މިދިޔަ އޭޕްރިލް މަހު ބޭއްވި ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް ފަހެވެ.

ސޯބެ ހިތަދޫ އުތުރުގެ ގޮނޑި ކާމިޔާބުކުރެއްވުމުން، ދެން މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ 13 މެންބަރުން ތިއްބަވާނެއެވެ. އެއާއެކު، ދެން މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރައްވާނީ 74 މެންބަރުންނެވެ.