ޓޭލާ އާއި ޓްރެވިސްގެ ކައިވެނި އަންނަ މަހު؟
ޓޭލާ އާއި ޓްރެވިސްގެ ކައިވެނި އަންނަ މަހު؟

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލަ ސުވިފްޓެގް ކައިވެނި މި އަހަރުގެ ހޫނު މޫސުމުގައި ކުރަން ނިންމާފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ޕޭޖް ސިކްސްއިން ރިޕޯޓްކުރާ ގޮތުގައި ޓޭލާ އާއި ލޯބިވެރިޔާ ޓްރެވިސް ކެލްސީގެ ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ތިން ވަނަ ދުވަހުއެވެ.

ޓޭލާ މީގެ ކުރިން އަށް ފަހަރު ކޮންސެޓް ދީފައިވާ މެޑިސަން ސުކެއަ ގާޑަން ކައިވެނީގެ މަރުކަޒެއްގެ ގޮތުގައި އިހްތިޔާރުކުރީ އެތަނުގައި ކުޑަދޮރުތައް ނެތުމާއި، ބިމުގެ އަޑީގައި ޕާކިންގް ފެސިލިޓީޒް ހުރުން ކަމަށް ޓީއެމްޒީއިން ވަނީ ބުނެފައެވެ.

މީގެ ސަބަބުން ޓޭލާ އާއި ޓްރެވިސްއަށް މިނިވަންކަމާ އެކު ކައިވެނީ ހަފްލާގައި ވަގުތު ހޭދަކުރުމަށް މަގުފަހިވާނެ ކަމަށް ވެސް ޓީއެމްޒީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ކައިވެނީގެ ރަސްމިއްޔާތުގައި ގާތްގަނޑަކަށް 1،000 މެހެމާނުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ދައުވަތު އެރުވޭނެ ކަމަށް ބެލެވޭ މަޝްހޫރު ފަރާތްތަކުގެ ތެރޭގައި ކާލީ ކްލޮސް، ޒޯއީ ކްރެވިޓްޒް، އެޑް ޝީރަން، ހައިމް ސިސްޓަރސް، ސޫކީ ވޯޓަހައުސް، ޖީޖީ ހަޑީޑް އަދި ސެލީނާ ގޯމޭޒް ހިމެނޭނެއިރު ކައިވެންޏާ ގުޅޭގޮތުން ރަސްމީކޮށް ޓޭލާ އަދި ޓްރެވިސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޓޭލާ ސްވިފްޓް ލޯބިވެރިޔާ ޓްރެވިސް ކެލްސީއާ އެކު--ފޮޓޯ/އެންޑީޓީވީ

ދުނިޔޭގެ އެންމެ މުއްސަނދި އަންހެން ލަވަކިޔުންތެރިޔާ ޓޭލާ އާއި ޓްރެވިސްގެ ގުޅުން އާންމުންނަށް އެނގުނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.

އެއީ ޓޭލާގެ ކޮންސެޓެއްގެ ތެރެއިން، ލަވަކިޔުންތެރިޔާގެ ފޯނު ނަންބަރު ޖަހާފައިވާ "ފްރެންޑްޝިޕް ބްރޭސްލެޓެއް" ސުވިފްޓަށް ދޭން ކެލްސީ މަސައްކަތް ކުރި ވާހަކަ މީޑިއާގެ ސަމާލުކަމަށް އައުމާ ގުޅިގެންނެވެ.

އޭގެ ފަހުން، ކެލްސީ ކުޅޭ ކެންސަސް ސިޓީ ޗީފްސްގެ ގިނަ މެޗުތަކަކުން، ސުވިފްޓް ފެނިފައިވެއެވެ. ހަމައެއާއެކު، ޓޭލާގެ ކޮންސެޓްތަކުން ކެލްސީ ވެސް ވަނީ ފެނިފައެވެ. ދެމީހުން އެންގޭޖްވިކަން އިއުލާންކުރީ މިދިޔަ އޮގަސްޓް މަހުއެވެ.