19 Sep 2012, 09:38
ދިމިޝްޤު (ސެޕްޓެމްބަރ 19): ޙައްޖަށް މީހުން ފޮނުވުމުގެ އެއްބަސްވުން ސޫރިޔާ ސަރުކާރާއެކު ސައޫދީ ޢަރަބިޔާ އިން ކޮށްފައިނުވާތީ މިއަހަރު ޙައްޖަށް މީހުން ފޮނުވެންނެތް ކަމަށް ސޫރިޔާ ސަރުކާރުން ބުނެފި އެވެ.
ޙައްޖުގެ ކަންތައް ސޫރިޔާގައި އިންތިޒާމްކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ޙައްޖު ކޮމިޓީއާ ޙަވާލާދީ އެޤައުމުގެ ނޫސްއެޖެންސީ "ސާނާ" ބުނި ގޮތުގައި ޙައްޖަށް މީހުން ފޮނުވުމަށް ޓަކައި ކޮންމެ އަހަރަކު ވެސް ޙައްޖާބެހޭ ސަޢޫދީ ވުޒާރާ އެކު އެއްބަސްވުމެއްގައި ސޮއިކުރަމުން އަންނަ ކަމަށާއި މިއަހަރު މުއްދަތު ހަމަވިއިރު ވެސް އެވުޒާރާ އިން މިއެއްބަސްވުމުގައި ސޮއިކޮށްފައި ނުވާކަމުގަ އެވެ. މިކަމުގެ ސަބަބުން މިއަހަރުގެ ޙައްޖު މޫސުމަށް މީހުން ފޮނުވޭނެ ގޮތެއްނެތް ކަމަށް މިކޮމިޓީއާ ޙަވާލާދީ "ސާނާ" ބުނެ އެވެ.
ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތަކާއި އަނިޔާވެރި ޢަމަލުތަކާ ގުޅިގެން ސަޢޫދީ އަރަބިޔާއާއި ސޫރިޔާއާ ދެމެދުވަނީ ގުޅުންތައް ގޯސްވެފަ އެވެ. ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ސަރުކާރުން ރައްޔިތުންނަށް އަނިޔާކޮށް ފުޅާދާއިރާއެއްގައި ކުށެއްނެތް ޢާންމުން މަރަމުން ގެންދާކަމަށް ސައޫދީ އަރަބިޔާއިން ބުނާއިރު ސޫރިޔާއިންވަނީ އެޤައުމުގެ ވެރިކަމުގެ ނިޒާމް ގަދަބާރުން ވައްޓާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންގެ ފަހަތުގައި ސައޫދީ އަރަބިޔާ ވާކަމަށް ބުނެފައެވެ. އަދި ސޫރިޔާގެ ހަނގުރާމަވެރިންނަށް ފައިސާއާއި ހަތިޔާރު ފޯރުކޮށްދިނުމުގައި އެމެރިކާއާއި ހުޅަނގުގެ ބާރުތަކާގުޅިގެން އެންމެ ބޮޑަށް މަސައްކަތްކުރާ އެއްޤައުމަކީ ސަޢޫދީ އަރަބިޔާ ކަމަށް ވެސް ސޫރިޔާ ބުނެއެވެ.
ސޫރިޔާގައި ހިނގާ ލޭއޮހޮރުވުންތަކުގައި މިހާތަނަށް 27 ހާސް މީހުން މަރުވެފައިވެ އެވެ. (ނޫސްއެޖެންސީތައް