ފީފާއިން ބޮޑު އަގު ހޯދަން ފަހުވަގުތަށް ތިބެގެން ޗައިނާއާއި އިންޑިއާއަށް ލިބުނީ ލަނޑެއް
ފީފާއިން ބޮޑު އަގު ހޯދަން ފަހުވަގުތަށް ތިބެގެން ޗައިނާއާއި އިންޑިއާއަށް ލިބުނީ ލަނޑެއް

އުތުރު އެމެރިކާގައި ބާއްވާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެ ޤައުމު ކަމަށްވާ ޗައިނާ އާއި އިންޑިއާގައި މުބާރާތް ބްރޯޑްކާސްޓްކުރުމަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައިވަނީ ފުރަތަމަ ލިބޭނެކަމަށް ފީފާއިން އުންމީދުކުރި އަގަށްވުރެ މާ ބޮޑަށްވެސް ކުޑަ އަގުތަކެއްގައެވެ.

ފީފާއިން ބޮޑު އަގު ހޯދަން ފަހުވަގުތަށް ތިބެގެން ޗައިނާއާއި އިންޑިއާއަށް ލިބުނީ ލަނޑެއް
ފީފާއިން ބޮޑު އަގު ހޯދަން ފަހުވަގުތަށް ތިބެގެން ޗައިނާއާއި އިންޑިއާއަށް ލިބުނީ ލަނޑެއް

ޗައިނާގެ އެއްބަސްވުން: އުންމީދުކުރި އަގުގެ ފަސްބައިކުޅަ އެއްބައި

ޗައިނާ މީޑިއާ ގްރޫޕުގެ ލޯގޯ--

ޗައިނާ މީޑިއާ ގްރޫޕް (ސީއެމްޖީ) އާއެކު ފީފާއިން ހެދި އެއްބަސްވުމުގެ އަގަކީ 60 މިލިއަން ޑޮލަރެވެ. މިއީ ފީފާއިން ފުރަތަމަ ހޯދަން އަމާޒުކުރި 300 މިލިއަން ޑޮލަރަށްވުރެ ވަރަށް ބޮޑަށް ހެޔޮ އަގެކެވެ.

ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީ ހިންގާ ސީއެމްޖީއަށް ވަނީ ހިލޭ ބެލޭނެ (އެފްޓީއޭ) ރައިޓްސް، ޕޭ-ޓީވީ އަދި ޑިޖިޓަލް ރައިޓްސް ލިބިފައެވެ. މީގެ އިތުރުން މޯބައިލް ސްޓްރީމިންގ ޕްލެޓްފޯމް 'މިގޫ' އާއެކު ޑިސްޓްރިބިއުޝަން އެއްބަސްވުމެއް ހެދުމަށް ސީއެމްޖީން ވަނީ އެދިފައެވެ.

ޗައިނާއާއެކު ފީފާއިން އެއްބަސްވުމަކަށް އައުން ލަސްވީ، މެޗުތައް ކުޅޭ ގަޑިތައް ޗައިނާގެ ބެލުންތެރިންނަށް ފަސޭހަ ނުވުމާއި ފީފާއިން ކިޔާ އަގު ބޮޑުވުމުގެ ސަބަބުންނެވެ. މިހެން ދިމާވުމުން މުބާރާތް ޕްރޮމޯޓްކުރުމަށް ސީއެމްޖީއަށް ލިބިފައިވަނީ ވަރަށް ކުޑަ ދުވަސްކޮޅެކެވެ.

2002 ގެ ފަހުން ޗައިނާ ވޯލްޑް ކަޕަށް ކޮލިފައިވެފައި ނުވި ނަމަވެސް، 2022 ގެ ވޯލްޑް ކަޕް ކޮންޓެންޓް ޗައިނާގެ 1.16 ބިލިއަން މީހުންނާ ހަމައަށް ފޯރާފައިވެއެވެ.

ފީފާގެ ސެކްރެޓަރީ ޖެނެރަލް މަޓިއަސް ގްރަފްސްޓްރޯމް ވިދާޅުވީ، ޗައިނާ މާކެޓަކީ ދުނިޔޭގެ ފުޓުބޯޅައަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި، މި އެއްބަސްވުމާ ހަމައަށް އާދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އިންޑިއާގެ އެއްބަސްވުން: ޒީ އެންޓަޓެއިންމަންޓާއެކު ފުޅާ އެއްބަސްވުމެއް

ޒީ ގެ ލޯގޯގެ އިތުރުން މިފަހަރުގެ ވޯލްޑް ކަޕް ބޯޅަ "ޓްރިއޮންޑާ" އަދި ފީފާ ވޯލްޑް ކަޕް ޓްރޮފީ--

އިންޑިއާގައި ފީފާއިން ވަނީ ޒީ އެންޓަޓެއިންމަންޓާއެކު 40 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއްގެ އެއްބަސްވުމެއް ހަދާފައެވެ. މިއީ ފީފާއިން ފުރަތަމަ ހޯދަން އަމާޒުކުރި 100 މިލިއަން ޑޮލަރަށްވުރެ ދެބައިކުޅަ އެއްބަޔަށްވުރެވެސް ކުޑަ އަދަދެކެވެ.

ޖިއޯސްޓަރ އިން 15 މިލިއަން ޑޮލަރު ހުށަހެޅުމަށްފަހު ވަކިވިއިރު، ސޮނީން ބިޑުކޮށްފައެއް ނުވެއެވެ. ޒީ އިން ވޯލްޑްކަޕްގެ މެޗުތައް ދައްކާނީ އަލަށް ތަޢާރަފުކުރި ޔުނައިޓް8 ސްޕޯޓްސް ލީނިއަރ ޗެނަލްތަކާއި ޒީ5 ސްޓްރީމިންގ ޕްލެޓްފޯމްގައެވެ.

އަށް އަހަރުގެ މުއްދަތަށް ހަދާފައިވާ މި އެއްބަސްވުމުގެ ދަށުން 2026 އަދި 2030 ގެ ފިރިހެނުންގެ ވޯލްޑް ކަޕާއި، 2027 ގެ އަންހެނުންގެ ވޯލްޑް ކަޕްގެ އިތުރުން 2034 އާ ހަމައަށް ފީފާގެ 39 މުބާރާތެއް ޒީ އިން ދައްކާނެއެވެ.

ފީފާއަށް އިންޑިއާއިން ދިން އަގު ދަށްވި ސަބަބުތަކުގެ ތެރޭގައި ޑިޒްނީ އާއި ރިލަޔަންސް ގުޅިގެން ޖިއޯސްޓަރ އުފެއްދުމުން ބްރޯޑްކާސްޓަރުންގެ މެދުގައި ވާދަވެރިކަން ކުޑަވުމާއި، ގަޑީގެ ތަފާތުތަކާއި، ކްރިކެޓް (ޚާއްސަކޮށް އައިޕީއެލް) ގެ މަޤްބޫލުކަން ބޮޑުވުމާއި، ބެޓްކުރުމުގެ އިޝްތިހާރުތައް މަނާކުރުމުގެ ސަބަބުން އިޝްތިހާރުގެ އާމްދަނީއަށް އަސަރުކުރުން ހިމެނެއެވެ.

އިންޑިއާއިން މިހާތަނަށް ވޯލްޑް ކަޕަށް ކޮލިފައިވެފައި ނުވި ނަމަވެސް، 2022 ގެ ވޯލްޑް ކަޕް އިންޑިއާގެ 746 މިލިއަން މީހުން ބަލާފައިވެއެވެ.

ފީފާގެ ޗީފް ބިޒްނަސް އޮފިސަރ ރޯމީ ގާއި އަދި ޒީގެ ޗީފް އެގްޒެކެޓިވް ޕުނިތު ގޮއެންކާ ވަނީ މި ޕާޓްނަރޝިޕްގެ ސަބަބުން އިންޑިއާގައި ފުޓުބޯޅައިގެ މަޤްބޫލުކަން އިތުރުވެ، ދެފަރާތަށްވެސް ފައިދާތަކެއް ކުރާނެކަން ފާހަގަކޮށްފައެވެ.

2014 އާއި 2018 ގެ ވޯލްޑްކަޕް އިންޑިއާގައި ދެއްކުމަށް ސޮނީ އިން ފީފާ އަށް ދައްކާފައިވަނީ 90 މިލިއަން ޑޮލަރެވެ.

އޭގެ ފަހުން 2022 ގެ ވޯލްޑކަޕް ދެއްކުމަށް ވަޔަކޮމް އެއިޓީން އިން 62 މިލިއަން ޑޮލަރު ދެއްކިއެވެ.
މި ނިސްބަތުން ބެލިނަމަވެސް މިއަހަރު ޒީ އިން ދެއްކި 40 މިލިއަން ޑޮލަރަކީ ވަރަށް ކުޑަ އަގެކެވެ.

ފަހު ވަގުތުގެ އެއްބަސްވުންތަކަކީ ފީފާގެ އައު ސްޓްރެޓެޖީއެއް؟

ބޮޑެތި ކުޅިވަރު މުބާރާތްތަކުގެ ރައިޓްސް އެއްބަސްވުންތައް މުބާރާތް ފެށެން ކުޑަތަންވެފައި ވަނިކޮށް ހެދުމަކީ ޢާންމު ކަމަކަށް ނުވި ނަމަވެސް، ފީފާއިން އަންނަނީ އާމްދަނީ އެންމެ މައްޗަށް ގެންދިއުމުގެ ބޭނުމުގައި ފަހު ވަގުތާ ޖެހެންދެން މަޝްވަރާތައް ދަންމާލުމުގެ ސްޓްރެޓެޖީއެއް ގެންގުޅެމުންނެވެ.

މީގެ ކުރިން 2023 ގެ އަންހެނުންގެ ވޯލްޑް ކަޕްގެ ޔޫރަޕްގެ މާކެޓް ރައިޓްސްތަކާއި، ފީފާ ކްލަބް ވޯލްޑް ކަޕަށް ޑީއޭޒެޑްއެން އާއެކު ހެދި 1 ބިލިއަން ޑޮލަރުގެ އެއްބަސްވުންވެސް ފީފާއިން ނިންމާފައިވަނީ ހަމަ މިގޮތަށް މުބާރާތް ފެށެން ކައިރިވެފައި ވަނިކޮށެވެ.

ނަމަވެސް އޭޝިއާގެ އެންމެ ބޮޑު ދެ މާކެޓުގައި މިފަހަރު ފީފާއަށް މިވަނީ ހޯދަން އުޅުނު އަގުތައް ވަރަށް ބޮޑަށް ދަށްކުރަން މަޖުބޫރުވެ އުއްމީދުކުރިވަރާ ގާތަށް ވެސް ފައިދާ ނުހޯދިފައެވެ.

މީގެ ކުރިން ވޯލްޑްކަޕް މުބާރާތުގެ ބްރޯޑްކާސްޓް ރައިޓްސް އިންޑިއާ އިން ހޯދަނީ އިންޑިއާ ހިމެނޭ ސަރަހައްދުގެ ބައެއް ޤައުމުތަކަށް ވިއްކޭ ގޮތަށެވެ.

އެގޮތުން ރާއްޖެއަށް މީގެ ކުރިން ވޯލްޑްކަޕް ބްރޯޑްކާސްޓް ރައިޓްސް ޢާންމުގޮތެއްގައި ވިއްކަނީ އިންޑިއާގެ މީޑިއާ ކުންފުނިތަކުންނެވެ. ނަމަވެސް މިފަހަރު ރާއްޖެއަށް ރައިޓްސް ވިއްކާފައިވަނީ ސީދާ ފީފާ އިން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.