ލަންޑަން (ސެޕްޓެމްބަރ 19): ކުރިޔަށްއޮތް ސަތާރަ ވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ އިޤްތިސާދީ ބޮޑުބާރަކަށް އިންޑޮނީޝިޔާ ވެގެންދާނެ ކަމަށާއި އިނގިރޭސިވިލާތް ފަހަތައް ޖައްސާލުމަށް ފަހު ދުނިޔޭގެ އިޤްތިސާދީ 7 ވަނަ ބާރަށް ވުމުގެ ޤާބިލްކަން އިންޑޮނީޝިޔާގައި އެބަހުރިކަމަށް އިޤްތިސާދީ ޕްރޮޖެކްޝަންތައް ހެދުމުގައި ނަންމަޝްހޫރު މެކެންޒީ އިންސްޓިޓިއުޓުން ބުނެފި އެވެ.

މި އިންސްޓްޓިއުޓުން ނެރުނު އިޤްތިސާދީ ލަފާކުރުމުގެ ދިރާސާއެއް ބުނާގޮތުން 845 ބިލިޔަން އެމެރިކާ ޑޮލަރުގެ ޤައުމީ އާމްދަނީ (ޖީޑީޕީ) އަކާއެކު ދުނިޔޭގެ 16 ވަނަ އިޤްތިސާދުގެ ގޮތުން މިހާރު އޮތް އިންޑޮނީޝިޔާއަށް، ކުރިޔަށްއޮތް ސަތާރަ ވަރަކަށް އަހަރު ތެރޭގައި އިނގިރޭސިވިލާތް ފަހަތައް ޖައްސާލައި 2.5 ޓްރިލިޔަން ޑޮލަރުގެ ޤައުމީ އާމްދަނީ ޙާސިލްކުރާ ޤައުމަކަށް ވެވިދާނެ އެވެ. ދުނިޔޭގެ އިޤްތިސާދީ 5 ވަނަ ބާރުގެ ގޮތުގައި ކުރިންއޮތް އިނގިރޭސިވިލާތް މިހާރުވަނީ އިޤްތިސާދީ 7 ވަނަ ބާރަށް ފަހަތަށް ވެއްޓިފަ އެވެ.

މިހާރު އިނގިރޭސވިލާތުގެ ޤައުމީ އާމްދަނީއަކީ 2.4 ޓްރިލިޔަން އެމެރިކާ ޑޮލަރެވެ. ދާދިފަހުން ބްރަޒީލް ވަނީ އިނގިރޭސިވިލާތް ފަހަތަށް ޖައްސާލައި ދުނިޔޭގެ އިޤްތިސާދީ 6 ވަނަ ބާރަށް ވެފައެވެ. ބްރަޒީލްގެ ޤައުމީ އާމްދަނީއަކީ 2.5 ޓްރިލިޔަން އެމެރިކާ ޑޮލަރެވެ. މެކެންޒީ އިންސްޓިޓިއުޓްގެ ރިޕޯޓް ބުނާގޮތުން ދުނިޔޭގެ އެންމެ ބޮޑު އިޤްތިސާދީ ބާރުތަކުގެ ލިސްޓަށް އެރުމުގެ ހުރިހާ ވަސީލަތްތަކެއް އިންޑޮނީޝިޔާއަށް ލިބިވެއެވެ. މީގެތެރޭގައި ބޮޑު އާބާދީ އަކާއި ޤުދްރަތީ ވަސީލަތްތައް ހިމެނެއެވެ. މިހާރުވެސް އިންޑޮނީޝިޔާއަކީ އިޤްތިސާދީ ގޮތުން ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުންދާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.

ނަމަވެސް އިނގިރޭސިވިލާތް ފަހަތަށް ޖައްސާލައި ދުނިޔޭގެ ބޮޑު އިޤްތިސާދީ ބާރަކަށް ވުމަށްޓަކައި އިޤްތިސާދީގޮތުން ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން އެޤައުމަށް ޖެހޭ ކަމަށާއި މީގެތެރޭގައި އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް ޒަމާނީ ކުރުމާއި އިދާރީ އިސްލާހްތައް ގެނައުމާއި ބޭރުގެ އިންވެސްޓްމަންޓްތަކަށް ޤާނޫނީ ގޮތުންނާއި އެނޫންގޮތްގޮތުން މިހާރަށްވުރެ ބޮޑު އަދި ނަތަވަސް ފުރްސަތުތަކެއްދީ ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ކުރާ ހަނގުރާމަވަރުގަދަކުރަން ޖެހޭ ކަމަށް ވެސް މެކެންޒީ އިންސްޓިޓިއުޓްގެ ރިޕޯޓް ބުނެ އެވެ.

އިންޑޮނީޝިޔާ އިޤްތިސާދީ ބާރަކަށް ވުމަށް ލިބިފައިވާ މުހިއްމު ވަސީލަތްތަކުގެ ތެރޭގައި މަސައްކަތްތެރި ފަންނީ ތައްލީމުގެ ޒުވާން ބޮޑު އާބާދީ އެއް ލިބިފައިވުމުގެ އިތުރުން އެޤައުމަށް ލިބިފައިވާ ތަފާތު ޤުދްރަތީ ވަސީލަތްތަކާއި ސިޔާސީ ހަމަޖެހުން ހިމެނެ އެވެ. އަދި އިންޑޮނީޝިޔާގެ އިޤްތިސާދީ ރޭވުންތައް ކާމިޔާބު ކަމަށާ ނަމަވެސް ކޮރަޕްޝަނާއި ފަސާދައާ ހަނގުރާމަކުރުމަކީ އެޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުމެއްކަމަށް މިރިޕޯޓް ބުނެ އެވެ. އިސްލާމީ ޤައުމެއް ކަމަށްވާ އިންޑޮނީޝިޔާއަކީ ދުނިޔޭގައި 4 ވަނައަށް އެންމެ ބޮޑު އާބާދީ އެވެ. -- ރޮއިޓާސް