ޓޯކިޔޯ (ސެޕްޓެމްބަރ 18) : ޖަޕާންގައި ޤާއިމްކޮށްފައވާ މިސައިލް އައްޑަނައިގެ ނިޒާމްގެ ތެރެއަށް އެޑްވާންސް ރާޑަރު ސިސްޓަމެއް އިތުރުކުރުމަށް އެމެރިކާއާއި ޖަޕާން ގުޅިގެން އެކުލަވާލާފައިވާ ޕްލޭނެއް އެދެޤައުމުގެ ދިފާޢީ ވަޒީރުން އިޢްލާން ކުރައްވައިފިއެވެ.

މި ޕްލޭން އިޢްލާންކޮށްފައިމިވަނީ އެމެރިކާގެ ދިފާއީ ވަޒީރު ލިޔޮން ޕެނެޓާ ޖަޕާނަށް ވަޑައިގެން ޖަޕާންގެ ދިފާޢީ ވަޒީރު ސަތޫޝީ މަރިމޫތޫ އާ ޓޯކިޔޯގައި ބައްދަލުކުރެއްވުމަށްފަހު ދެބޭފުޅުން ބޭއްވެވި ނޫސްކޮންފަރެންސެއްގައެވެ. މި ނޫސްކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން ޕެނެޓާ ވިދާޅުވީ ޖަޕާންގައި ޤާއިމްކޮށްފައވާ މިސައިލް އައްޑަނައިގެ ނިޒާމްގެ ތެރެއަށް އެޑްވާންސް ރާޑަރު ސިސްޓަމެއް އިތުރުކުރުމުން އެނިޒާމް އިތުރަށް ވަރުގަދަވެ އުތުރުކޮރެޔާއިން އަތުވެދާނެ ކަމަށް ބެލެވޭ ބެލަސްޓިކް މިސައިލް ޙަމަލާތަކަކުން ދިފާޢުވުމުގެ ވަރަށް ބޮޑު ޤާބިލްކަމެއް ޖަޕާނަށް ލިބިގެންދާނެކަމުގައެވެ.

މިއީ ޗައިނާއަށް އަމާޒުކޮށްގެން ކޮށްފައިވާ ޕްލޭނެއް ނޫންކަމަށް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެފައިވެއެވެ. އަލަށް ބަހައްޓާ މިއެޑްވާންސް ރާޑަރު ހަރުކުރުމަށް ހަމަޖެހިފައިވަނީ ޖަޕާންގެ ދެކުނުގައި ކަމަށް ޚަބަރުލިބެއެވެ. ނަމަވެސް އެމެރިކާއާއި ޖަޕާނުން ރަސްމީކޮށް މިކަން ހާމަކޮށްފައެއް ނުވެއެވެ. ޖަޕާންގައި މިހާރު ޤާއިމްކޮށްފައވާ މިސައިލް އައްޑަނައިގެ ނިޒާމްގެ ރާޑަރުތައް ހުންނަނީ ޖަޕާނުގެ އެންމެ ބޮޑު ޖަޒީރާ ކަމަށްވާ ހެންޝޫގެ އުތުރުގެ ރަށެއް ކަމަށްވާ ތުސުގާރޫ ގައިވާ ޗަރީކީ ޢަސްކަރީ ބޭހުގައެވެ.

އުތުރުކޮރެޔާ އަކީ ދުރުރާސްތާގެ ބެލަސްޓިކް މިސައިލް އުފެއްުމުގެ ޤާބިލްކަން ލިބިގެންވާ ޤައުމެކެވެ. އަދި އުތުރުކޮރެޔާވަނީ ނިއުކްލިޔަރ ތަޖްރިބާއެއްވެސް ކޮށްފައެވެ. ޖަޕާން ބިރުގަންނަނީ އުތުރުކޮރެޔާއިން ނިއުކްލިޔަރ ސްޓްރެޓީޖިކް މިސައިލް އުފައްދައި އެއިން މިސައިލެއް ޖަޕާނަށް އަމާޒުކޮށްފާނެ ކަމަށެވެ. އުުތުރުކޮރެޔާއިން ޖަޕާނަށް ޙަމަލާދީފާނެކަމުގެ ބިރު ބޮޑަށް އުފައްދަނީވެސް ޚުދުއެމެރިކާއިންނެވެ. މިއީ ދިފާޢީ ކަންކަމުގައި މިހާރަށްވުރެވެސް ބޮޑަށް ޖަޕާނުން އެމެރިކާއަށް ބަރޯސާ ކުރުވުމުގެ ސްޓްރެޓެޖީއެއްގެ ދަށުން އެމެރިކާ ކުރާކަމެއް ކަމަށް ޢަސްކަރީ ތަޙްލީލްތައް ބުނެއެވެ.

އުތުރުކޮރެޔާއަކީ ކޮމިއުނިސްްޓް ވެރިކަމެއް ކުރަމުން ގެންދާ ޤައުމެއްނަމަވެސް އެޤައުމުން އެއްވެސް ޤައުމަކާ ދެކޮޅަށް އިސްވެ ޙަމަލާދީ ހަނގުރާމަފެށުންފަދަ ޢުދުވާނެއް ހިންގާފައެއްނުވެއެވެ. އެމެރިކާއަކީ ޑިމޮކްރެޓިކް ޤައުމެއްނަމަވެސް އެމެރިކާއަކީ އެހެން ޤައުމުތަކަށް އިސްވެ ޙަމަލާދީ އުދުވާން ހިންގާ ހަރުކަށި ޤައުމެކެވެ. -- ނޫސްއެޖެންސީތައް