ނޮވެމްބަރު ތިނަކާ ގުޅިގެން ފާހަގަކުރާ ނަސްރުގެ ދުވަހާ ދިމާކޮށް، ޝަހީދުންގެ ބިނާއެއް މިއަހަރު ހަދަން އެމްއެންޑީއެފްއިން ނިންމައިފި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން ކުރާނެ ކަންތައްތައް ރޭވުމަށް ސިފައިންގެ އިސްވެރިން މިއަދު ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. ބައްދަލުވުމަށް ފަހު އެމްއެންޑީއެފްއިން ބުނީ ނިންމުނު އެންމެ މުހިންމު ކަމަކީ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޝަހީދުން ރަމްޒުކޮށްދޭ ބިނާއެއް ހެދުން ކަމަށެވެ.

އެ ބިނާ ހަދާނީ ސިފައިންގެ މައިމަރުކަޒު ބަންޑާރަ ކޮށީގެ ދެކުނު ކަނުގައި ކަމަށް ވެސް ބުންޏެވެ. އެ ސަރަހައްދަކީ ނޮވެމްބަރު ތިނެއް 1988 ގައި ތަމަޓައިގަރުން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ރޮކެޓުން ހަމަލާއެއްދީ ގޮއްވާލި ސަރަހައްދެކެވެ.